މޫސުމީ ބަދަލަކީ ހަގީގަތެއް، މަޝްރޫއުތައް ހިންގަނީ އެ ކަމަށް ވިސްނައިގެން: ރައީސް

ރައީސް، ޗައިނާގެ ސީޖީޓީއެންއަށް އިންޓަވިއުދެއްވަނީ -- ފޮޓޯ/ ސީޖީޓީއެން

މޫސުމީ ބަދަލަކީ ހަގީގަތެއް ކަމަށާއި، ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެ ކަމަށް ވިސްނައިގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ސީޖީޓީއެންއަށް ދެއްވި އިންޓަވިއުއްގައި އެ މަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ހަގީގީ ކަމެއް ކަމަށެވެ. އަދި، ރާއްޖެއަށް އޮތް ހައްލަކީ މޫސުމީ ބަދަލުތަކުން އަރައިގަނެ، އެއާ އެއްގޮތަށް ފިޔަވަޅުތައް އެޅުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ވެސް ހިންގަނީ މޫސުމީ ބަދަލުތަކާ މެދު ވިސްނައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކްލައިމެޓް ޗޭންޖަކީ ހަގީގީ ކަމެއް. އަޅުގަނޑުމެން އެ ކަމަށް އިންކާރު ނުކުރުން. އެކަމު އެންމެ މުހިންމީ އެ ކަމަށް ޚާއްސަ ފިޔަވަޅުތައް އަޅައިގެން ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޮޕް28 ސަމިޓަށް ވަޑައިގެން އެ މަނިކުފާނު އިއުލާނުކުރެއްވި ގޮތަށް ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއާއި، ފުށިދިއްގަރު ފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއަކީ ވެސް ސޭފް އައިލެންޑް ކޮންސެޕްޓަށް، މޫސުމީ ބަދަލުތަކަށް ވިސްނައިގެން ހިންގާ މަޝްރޫއުތައް ކަމަށް ފާހަގަކުރެއްވިއެވެ.

އެ މަޝްރޫއުތަކުގެ އިތުރުން، ކުރިއަށްހުރި ދުވަސްތަކުގައި ތެޔޮ އަންދައިގެން ހަކަތަ އުފައްދާ މިންވަރު 33 ޕަސެންޓު މަދުކޮށް، އިއާދަކުރަނިވި ހަކަތައިން އުފެއްދުން ވެސް ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ތިމާވެއްޓާ ގުޅޭ ގިނަ މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުން ހިންގާ އެސްއީޒެޑް މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އެއް އިންވެސްޓަމަންޓް ވެސް ލިބިފައިވަނީ ވެސް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކަށެވެ.

comment ކޮމެންޓް