ކޮރަލް ބޮލެވާޑްގެ ބިން އަތުލި މައްސަލަ ބަލަން ސިވިލް ކޯޓުން ނިންމައިފި

ކޮރަލް ބޮލްވާޑް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑްއިން ރަސްފަންނު ސަރަހައްދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓަވަރުތަކުގެ ނަމޫނާއެއް --

ރަސްފަންނު ސަރަހައްދުގައި އެޕާޓްމަންޓް ޓަވަރުތަކެއް ހެދުމުގެ މަޝްރޫއަށް ކޮރަލް ބޮލެވާޑަށް ދިން ބިން އަތުލުމަށް ފަހު އިތުރު ބިމެއް ނުދިން މައްސަލައިގައި ސަރުކާރާ ދެކޮޅަށް ކުރި ދައުވާ ބެލުމުގެ އިހުތިސޯސް އެބަ އޮތްކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މަޝްރޫއު ކޮރަލް ބޮލެވާޑުން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް، ހަމަ އެއަހަރު ސަރުކާރު ބަދަލުވެ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ ފްލެޓް އެޅުމުގެ އެއްވެސް މަޝްރޫއެއް މާލޭގައި ކުރިއަަށް ނުގެންދިޔުމަށެވެ. ސިޔާސަތަށް ގެނައި އެ ބޮޑު ބަދަލާ އެކު 220 މިލިއަން ޑޮލަރުގެ ކޮރަލް ބޮލެވާޑްގެ އެޕާޓްމަންޓް ޓަވަރުތައް ވެސް ހުޅުމާލެއަށް ބަދަލު ކުރަން އެންގިއެވެ.

ނަމަވެސް، ސަރުކާރުން ނިންމި ގޮތަށް އެ ކުންފުންޏަށް ހުޅުމާލެއިން ބިމެއް ދީފައި ނުވާތީ އެ ކުންފުނިން ސިވިލްކޯޓުގައި އެދިފައިވަނީ 426.8 މިލިއަން ޑޮލަރު ނަގައިދިނުމަށެވެ.

އެ ކުންފުނިން ދައުވާކޮށްފައިވަނީ، ހައުސިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އާއި ދިވެހި ދައުލަތުގެ މައްޗަށެވެ.

ސިވިލް ކޯޓުން ނިންމާފައި ވަނީ، މި މައްސަލައިގައި ހައުސިން މިނިސްޓްރީގެ މައްޗަށް ދައުވާކުރުމުގެ ހައްގު ކޮރަލް ބޮލެވާޑަށް ލިބިގެން ވާކަމަށެވެ. ނަމަވެސް، މި މައްސަލައަކީ ފިނޭންސް މިނިސްޓްރީ އާއި ދިވެހި ދައުލަތުގެ މައްޗަށް ރައްދުކުރެވޭ މައްސަލައަކަށް ނުވާތީ ފިނޭންސް މިނިސްޓްރީ އާއި ދިވެހި ދައުލަތުގެ މައްޗަށް ކޮރަލް ބޮލެވާޑަށް ދައުވާ ނުއުފުލޭނެ ކަމަށް ވަނީ ނިންމާފައެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 14 ދުވަހުގެ ތެރޭގައި ދައުވާ ތައްޔާރުކޮށް އެ ކޯޓަށް ހުށަހެޅުމަށް އެދިފައެވެ.

comment ކޮމެންޓް