އަބްދުﷲ ގާޒީގެ މައްސަލައިގައި އެޗްއާރްސީއެމްގެ ތަހުގީގު ރިޕޯޓު ލިބިއްޖެ: ޕީޖީ އޮފީސް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރި ތަހުގީގު ނިންމައި ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓު އެޗްއާރްސީއެމުން އެ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އޮފީސް ބަންދުވެފައިވަނިކޮށް ކަމަށާއި މިހާރު އެ ރިޕޯޓު ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމޭނީ އެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު ކަމަށްވާތީ އެ މައްސަލައިގައި ލިބިފައި ހުރި ބަޔާންތަކާއި ހެއްކާއި ގަރީނާ ފޮނުވައިދިނުމަށް މިއަދު އެ ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

"އިއްޔެ އޮފީސް ބަންދުވެފައި ވަނިކޮށް ހިޔުމަންރައިޓްސް ކޮމިޝަނުން އެ މައްސަލައިގެ ރިޕޯޓު ނެރުއްވައި އަޅުގަނޑުމެންނަށް ފޮނުއްވާފައި އެބައޮތް. އަޅުގަޑުމެން މިގެންދަނީ ރިޕޯޓު ދިރާސާ ކުރަމުން. މައްސަލައިގައި ލިބިފައި ހުރި ބަޔާންތަކާއި ހެއްކާއި ގަރީނާ ފޮނުވައި ދެއްވުމަށް މިއަދު އެ ކޮމިޝަންގައި އަޅުގަނޑުމެން ދަންނަވާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ގާނޫނު އަސާސީއާ ހިލާފަށް 22 ދުވަސް ވަންދެން ގިރިފުށީގައި ހައްޔަރުކުރުމުން އޭނާ ވަގުތުން ދޫކޮށްލުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ކުރި އަމުރުތަކަށް ސިފައިންނާއި ފުލުހުން އަދި އޭރު އޮތް ސަރުކާރުން ވަނީ ތަބާނުވެފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ އެ ރިޕޯޓް އަދި މީޑިޔާއަށް ހާމަކުރަން ހަމަޖެހިފައި ނުވާ ކަމަށާއި ރިޕޯޓް ހިއްސާ ކުރާ ގޮތަށް އަދި އޮތީ ދައުލަތުގައި ކަމާބެހޭ އިދާރާތަކާ އެކަނި ކަމަށެވެ.

އަބްދުﷲ ގާޒީ ދޫކޮށްލާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު