ރޯދައަށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، ފުށް ހިލޭ ބަހަނީ

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ހިލޭ ބަހަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައެވެ.

އޭގެ ކުރިން އެ މަނިކުފާނު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ތުރުކީއާ އެކު މިހާރު އެއްބަސްވެ، ފުރަތަމަ ޝިޕްމަންޓަށް އޯޑަރު ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ދަންނަވަންތޯ ލިބޭގޮތަށް ހަމައެކަނި ހަމަޖެއްސީއެއް ނޫން. މި ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކައި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރު އެ އަދަދު އެއަށް ވުރެ އިތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން އަމިއްލަ ފައި މައްޗަށް ތެދުވާނީ އިރާދަކުރެއްވިއްޔާ އެއްވެސް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އެތެރެކުރާ ބޭސް ވެސް ޔޫރަޕުންނާއި އެމެރިކާއިން އެތެރެކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މާ ލަސްތަކެއް ނުވެ، ޔޫރަޕުގެ ބޭސް އެތެރެކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

comment ކޮމެންޓް