ބަޔަކަށް ފިލްމު ކަމުނުދިޔަސް ރަންބީރުގެ ފަރުވާލެއް ނެތް

އެކްޓަރު ރަންބީރު ކަޕޫރު-- ފޮޓޯ/މިސްމާލިނީ.ކޮމް

މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ސިނަމާ ތަކުގައި ރިލީޒްކުރި ފިލްމު "އެނިމަލް" ބައެއް ފަރާތްތަކަށް ކަމުނުދާ ކަމަށާއި ނަމަވެސް އެކަމުގައި އެއްވެސް ފަރުވާލެއް ނެތް ކަމަށް މި ފިލްމުގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.

ފިލްމުގައި ދެއްކި ބައެއް އެކްޝަން ސީންތަކާ މެދު ބެލުންތެރިންގެ މެދުގައި މަސްހުނި ޚިޔާލުތަކެއް އުފެދިފައިވާއިރު ބޮކްސް އޮފީހުގެ ނަތީޖާ ކިޔައި ދެނީ މުޅީން ތަފާތު ވާހަކައެއް ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ފިލްމު "އެނިމަލް"އަށެވެ. އެއީ ޖުމްލަ 900 ކްރޯރް ރުޕީސްގެ އާމްދަނީ ހޯދައިގެންނެވެ. މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައި ވަނީ ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހް ރުކް ޚާންގެ ފިލްމު "ޖަވާން"އެވެ. ލިސްޓުގެ ދެވަނަ ވެސް ހޯދާފައި ވަނީ ޝާހުގެ ފިލްމެކެވެ. އެއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ޕަތާން"އެވެ.

ފިލްމު "ކަބީރު ސިންގް"ގެ ޑައިރެކްޓަރު ސަންދީޕު ރެޑީ ވަންގާގެ ފިލްމު "އެނިމަލް"ގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ރަންބީރު ވަނީ ބެލުންތެރިންގެ ފަރާތުން ފިލްމަށް ދިން ލޯތްބާއި ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. މި ހަފްލާގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ، ބެލުންތެރިންގެ ފުރިހަމަ ލޯތްބާއި ތަރުހީބު ފިލްމަކަށް ލިބިއްޖެނަމަ އެ ފިލްމުގެ ކާމިޔާބީގެ ހުރަހަކަށް އެހެން އެއްވެސް ސަބަބެއް މެދުވެރިވުމަކީ ނާދިރު ކަމެއްކަން ބޮކްސް އޮފީހުގެ ނަތީޖާ ސާބިތުކޮށް ދީފައިވާ ކަމަށެވެ.

ފިލްމު "އެނިމަލް"ގެ ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/އިންޓަނެޓް

ރަންބީރު ކަޕޫރުގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ އަނިލް ކަޕޫރު، ބޮބީ ޑިއޯލް، ރަޝްމިކާ މަންދަންނާ، ތުރިޕްތީ ދިމްރީ، ސުރޭޝް އޯބްރޯއި އަދި ޕްރޭމް ޗޯޕްރާ ފަދަ މި ފިލްމުން ވަނީ ފެނިފައެވެ. މި ފިލްމަށް ލިބުނު ތަރުހީބާ އެކު "އެނިމަލް"ގެ ސީކުއަލްއެއް އުފައްދާނެކަން ޓީ-ސީރީސްއިން ވަނީ އިއުލާނު ކޮށްފައެވެ.

މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި ފިލްމު ވަރަށް އަވަހަށް ޑިޖިޓަލް ޕްލެޓްފޯމަށް ދޫކޮށްލަން ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ކޮން ތާރީޚެއް ކަމެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް