މިއަދު ހެނދުނުން ފެށިގެން މާލެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން އަށް ގެއެއްގެ 57 މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ބުނެފިއެވެ.
އެންޑީއެމްއޭއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ކުރި ވިއްސާރައިގެ ސަބަބުން 144 ގެއަކުން ގުޅައި އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.
އޭގެތެރެއިން މިވަގުތާއި ހަމައަށް 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށާއި ފެންވަނުން ކުޑަކުރުމަށް 91 ގެއެއްގައި ވެލި ބަސްތާ ޖަހައިފައިވާ ކަމަށެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ވެސް ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައިވާ ކަމަށެވެ.
އެގޮތުން މާލެގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެއީ:
- މާލެ
- ތ. ގުރައިދޫ
- ތ. ދިޔަމިގިލި
- ލ. މާމެންދޫ
- ދ ކުޑަހުވަދޫ
އެންޑީއެމްއޭއިން ބުނީ އޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މާލޭގެ ގެތަކަށް ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން މާލެއާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ. ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ބައެއް ތަންތަނަށް ވަނީ ގެއްލުންތައް ވެސް ވެފައެވެ.