ބުދައިގައި ކުރި ވިއްސާރައިގައި، އަޅާފައި އޮތް ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް

ގެއްލުންވި މަންތާ އެއާލައިންގެ އެއާކްރާފްޓު --

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި މިދިޔަ ބުދަ ދުވަހު، ފަޅެއްގައި އަޅައިފައި އޮތް ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ގެއްލުންވެފައިވަނީ މަންތާ އެއާލައިންގެ ސީ ޕްލޭނަކަށެވެ. މި ހާދިސާގައި ގެއްލުންވި އެއާކްރާފްޓުގެ ކުރީކޮޅު ވަނީ އެއްކޮށް ހަލާކުވެފައެވެ.

މި ހާދިސާ ހިނގާ ދިޔަގޮތް 'ސަން'އަށް ކިޔައިދެމުން މަންތާ އެއާލައިންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ހާދިސާ ހިނގީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ އަތޮޅު ފަޅެއްގެ ޑޮކެއްގައި އަޅާފައި އޮތް މި އެއާކްރާފްޓަށް ގެއްލުންވީ މޫސުން ގޯސްވުމުގެ ސަަބަބުން ފަޅުގައި އަޅައިފައި އޮއްވައި ކަހާލައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

އެއާ ކްރާފްޓަށް ގެއްލުނަތަކެއްވެފައި ހުރި ކަމަށާއި، މިހާރު މަރާމާތަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެއާކްރާފްޓަށް ގެއްލުންތަކެއްވީ ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ވިއްސާރަ ދުވަސްތަކަކަށް ފަހު ކުޑަކޮށް މޫސުން ރަނގަޅު ވެލާފައި އަނެއްކާ ވެސް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. މިއަދު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާއިރު، ކ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލެއް ވެސް ނެރެފައެވެ.

comment ކޮމެންޓް