އޯތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް 63 މިލިއަން ރުފިޔާ ދޫކޮށްފި

މާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގެ އެތެރެ: އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ ސަޕްލަޔަރުންނަށް މިހާތަނަށް 63 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ --- ފޮޓޯ/ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން

ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ ދަށުން ހިންގާ އޯތެންޓިކް މޯލްޑިވްސް ފިހާރައިގެ ސަޕްލަޔަރުންނަށް މިހާތަނަށް 63 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބީސީސީއިން މިއަދު ބުނެފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު މުހައްމަދު "ސަން"އަށް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ސަޕްލަޔަރުންނަށް ދޫކުރެވިފައިވާ ފައިސާއަށް ބަލާއިރު މި ފިހާރައިގެ ޑިމާންޑު ފަތުރުވެރިންނާއި އާންމުންގެ މެދުގައި ބޮޑުވެފައިވާ ކަމަށެވެ.

މާލޭގައި ހުންނަ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަ: އޯތެންޓިކް މޯލްޑިވްސް ފިހާރައިގެ ސަޕްލަޔަރުންނަށް މިހާތަނަށް 63 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ --- ފޮޓޯ/ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން

އަދި ފިހާރައިގެ ވިޔަފާރީގެ ފެށުނުއިރު 57 ސަޕްލަޔަރުން ތިބި ނަމަވެސް މިހާރު ފިހާރައިގެ މަގްބޫލުކަން ސަޕްލަޔަރުންގެ މެދުގައި އިތުރުވެފައިވާ ކަމަށް ޒިޔާއު ވަނީ ފާހަގަކުރައްވައިފައެވެ.

"އޯތެންޓިކް މޯލްޑިވްސްއަށް ހަތަރު އަހަރު ފުރުނުއިރު އެ ފިހާރައިގެ ސަޕްލަޔަރުންގެ ގޮތުގައި މިވަގުތު 300 އަށްވުރެ ގިނަ ވިޔަފާރިވެރިން ދަނީ ޙަރަކާތްތެރި ވަމުން" ޒިޔާއު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، މި ސަޕްލަޔަރުންގެ 3000 އަށްވުރެ ގިނަ އުފެއްދުންތައް އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މީގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގެ ވިޔަފާރިވެރިން އުފައްދާ ތަކެއްޗާއި ކުޑަކުދިން އުފައްދާ ބައެއް ތަކެތި ވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.

ވެލާނާ އެއާޕޯޓުގައި ހުންނަ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަ --- ފޮޓޯ/ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން

އޭނާ ވިދާޅުވީ އެ ކުުންފުނީގެ އަމާޒަކީ ދިވެހި އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކުގައި ޝޯކޭސްކޮށް ފަތުރުވެރިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

އަދި ވިޔަފާރިތަކަށް ރިސޯޓް މާކެޓް ފަހިކޮށްދިނުނުމާއި ސަޕްލަޔަރުންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމާ ގުޅުންހުރި ބައިނަލްއަގްވާމީ ފެއާތަކުގައި އިސްތިހާރުކޮށް އިތުރަށް މާކެޓްކުރުން ހިމެނެއެވެ.

ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ހޯދައި ދިނުމުގެ މަގްސަދުގައި އޯތެންޓިކް މޯލްޑިވްސްގެ އިތުރުން އެސްއެމްއީ ހަބެއް ވެސް ބީސީސީން ދަނީ ހިންގަމުންނެވެ.

ޒިޔާއު ވިދާޅުވީ ބީސީސީން ފަހި ފުރުސަތުތައް ފޯރުކޮށްދިނުމުގެ އިތުރުން މިހާރު، ކުދި ވިޔަފާރިވެރިންނަށް ހަރަކާތްތެރިވެވޭނެ ކްރިއޭޓަރު ހަބެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބީސީސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ ހަވާލުވެފައިވާ ކުންފުންޏެވެ. ބީސީސީން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެދިނުމުގެ މަސައްކަތް ވެސް ހިލޭ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް