އާސަހަރާ ޒަމާނީ ފެންވަރަށް ތަރައްގީކުރުން އެހެން ކުންފުންޏަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ ރޯދަ މަސް އައުމުގެ ކުރިން މަސައްކަތް ނިންމަން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
މާލޭގައި މީހުން ވަޅުލުމަށް ބޭނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދު ކުރީ މިދިޔަ އަހަރުގެ މޭ މަހުގައެވެ. އާސަހަރާ ބަންދުކުރުމާއެކު މައްޔިތުން ހިނަވާ ވަޅުލުމުގެ ކަންކަން ބަދަލުކުރީ ހުޅުމާލެ ސަހަރާއަށެވެ.
އެ މަސައްކަތް ފުރަތަމަ ހަވާލުކުރި ކުންފުންޏަށް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިން މުއްދަތަށް މަސައްކަތް ނުނިންމުމުން، އެެހެން ކުންފުންޏަކަށް މަސައްކަތް ހަވާލުކުރަން ބިޑު މަރުހަލާ ފެށީ ނިމިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މިހާރު އެ މަސައްކަތް ހިނގަމުން އަންނަ ގޮތުގެ ތަފްސީލް ހާމަކޮށްދެމުން ކައުންސިލްގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 'ޖީ ސެވަން' ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.
އާ ކުންފުންޏަކާ މަސައްކަތް ހަވާލުކުރި ނަމަވެސް އެ މަސައްކަތަށް ކުރިން ބަޖެޓުކުރި މިންވަރަށްވުރެ އިތުރު ޚަރަދެއް ނުހިނގާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން ޕްލޭންގައި އޮތްގޮތުން ނަމަ މިއަދަށް ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވީ މާލެއަށް ކުރި ވިއްސާރައާ ހެދި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެއާއެކު މިހާރު އަމާޒަކީ ރޯދައިގެ ކުރިން ފިނިޝިންއާއެކު މުޅި މަސައްކަތް ނިންމުން ކަމަށް ވެސް ވިދާޅުވިއެވެ.
"ކުރިން އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ މިއަދަށް ކޮންކްރީޓް، ކޮންސްޓްރަކްޝަން ވޯކްސް ނިންމަން. އެކަމު ވަރަށް ބޮޑަށް ވާރޭ ވެހުނީމާ ދަތިވެގެން މަސައްކަތް ހުއްޓުނީ. ދެން ރޯދައަށް ނިންމަން މިހާރު މި މަސައްކަތް ކުރަނީ، ފިނިޝިންއާއެކު،" އޭނާ ވިދާޅުވިއެވެ.
އެ ތަން ތަރައްގީކޮށް އެ ތަނުގައި އަޅަނީ އިމާރާތެކެވެ. ތަރައްގީކޮށް ނިމޭއިރު:
- ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުންނާނެ
- ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ބަދަލުކުރާނެ
- ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކުރާނެ.
- ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުންނާނެ.
- ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭފަދަ ފާޚާނާއެއް ހުންނާނެ