ޝައިޚް ޙަސީނާ ފަސްވަނަ ދައުރަކަށް އިންތިޚާބުވުމުން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ 2021ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: އެކަމަނާ ފަސްވަނަ ދައުރަކަށް އިންތިޚާބުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ފަސް ވަނަ ދައުރަކަށް އިންތިޚާބުވުމުން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެކަމަނާއަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުވަޒީރަށް ރައީސް ފޮނުއްވި މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކަމަނާ ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރެއްވި ކަމަށެވެ.

އަދި ރާއްޖެއާއި ބަންގްލަދޭޝްއާކީ ގާތް އަވަށްޓެރި ދެ ގައުމުކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އިތުރަށް ރައީސް އޮފީހުން ބުނީ، ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒައާމަތުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ގައުމަށާއި ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.

ބަންގްލަދޭޝްގައި އާދިއްތަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ޙަސީނާގެ އަވާމީ ލީގް ޕާޓީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑި ކާމިޔާބުކޮށްފައެވެ. އެ ޕާޓީއަށް ފަހު އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓުންނެވެ. އެއީ 63 ގޮނޑިއެވެ.

އެ އިންތިޚާބު އިދިކޮޅު ގިނަ ޕާޓީތަކުން އޮތީ ބޮއިކޮޓްކޮށްފައެވެ. އޭގެ ތެރޭގައި އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ހިމެނެއެވެ. އެ ޕާޓީން ވަނީ އެ އިންތިޚާބުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދާފައެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން އައި ހަ ހަފުތާ ތެރޭގައި ބީއެންޕީގެ ގިނަ އަދަދެއްގެ ލީޑަރުންނާއި އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްފައެވެ.

އެ ޕާޓީގެ ލީޑަރު ޚާލިދާ ޒިއާއަށް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެފައިވުމުން އޭނާ ހުންނެވީ ބަންދުގައެވެ.

އާދިއްތަ ދުވަހުގެ އިންތިޚާބު ބޭއްވުމުގެ ކުރިން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި މީހުން ވޯޓާ ދެކޮޅަށް އަޑު އުފުލައި، ވޯޓުލާން ހަމަޖައްސާފައިވާ ބައެއް މަރުކަޒުތަކުގައި ރޯކޮށްފައިވެއެވެ.

comment ކޮމެންޓް