ކުރިން 2016 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި އެފް އޭ ކަޕްގެ މެޗަކުން އެސްޓަން ވިލާއިން މޮޅުވެއްޖެއެވެ.
އެފް އޭ ކަޕްގެ ތަށި ހަތް ފަހަރަށް ކާމިޔާބު ކޮށްފައިވާ ވިލާއިން މުބާރާތުގެ ތިންވަނަ ބުރުގައި ޗެމްޕިއަންޝިޕްގެ މިޑިލްސްބްރާއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 1-0 އިން ކާމިޔާބު ކޮށްގެންނެވެ. ކުރިން 2016 ވަނަ އަހަރަށް ފަހު މިހާތަނަށް ކޮންމެ ސީޒަނެއްގެ އެފް އޭ ކަޕްގެ ތިންވަނަ ބުރުގައި ވިލާ ވާދަކޮށްވަނީ މުބާރާތުން ކަޓާފައެވެ. މީގެ ތެރޭގައި 2018 ވަނަ އަހަރު ލީގު ވަންއަށް ނިސްބަތްވާ ޕީޓާބޮރޯ އަދި މިދިޔަ ސީޒަންގައި ލީގު ޓޫގެ ސްޓެވެނޭޖް އަތުން ބަލިވި ބަލިވުން ވިލާގެ ސަޕޮޓަރުންގެ ހަނދާނުގައި ހަރުލާފައި ހުރެއެވެ. އެހެން ކަމުން މި މުބާރާތަކީ ފަހަކަށް އައިސް ވިލާއަށް އެހާ ރަނގަޅު މުބާރާތަކަށް ނުވެއެވެ.
ބޮރޯއާ ދެކޮޅަށް ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފާއްދާފައިވަނީ ވިލާއިންނެވެ. ނަމަވެސް މި މެޗުގައި ބޮރޯއިން ޑިފެންޑް ކުރަމުން ދިޔަލެއް ވަރުގަދަ ކަމުން ވިލާއަށް އެ ޓީމުގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ ގިނަ ދަތިތަކަކާ ކުރިމަތިވަމުންނެވެ.
ޕްރިމިއާ ލީގުގައި މިފަ ހަރު އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންދާ ވިލާއަށް ބޮރޯ ކައިރީ ގޮތެއް ހަދައިނުލެވި ފުރަތަމަ ހާފު ނިމި އަދި ދެވަނަ ހާފުގެ ބޮޑު ބައި ދިއުމާ އެކު އަނެއްކާ ވެސް ތާރީޚު އިޔާދަ ވެދާނެކަމުގެ ބިރު ވިލާގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ނަމަވެސް މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މެޓީ ކޭޝް ޖަހާދިން ލަނޑާ އެކު މި މާޔޫސްކަން ވަނީ ހިނިތުންވުމަށް ބަދަލުވެގެން ގޮސްފައެވެ.
މި ނަތީޖާއާ އެކު، ވިލާއިން ވަނީ ވޭތުވެދިޔަ އަށް ސީޒަންގައި ފުރަތަމަ ފަހަރަށް މި މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދައިފައެވެ.