ރާއްޖެ ކައިރިން ދިޔަ އިސްރާއީލްގެ ބޯޓުތަކަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑްގެ ބޯޓެއް: ރާއްޖެ ސަރަހައްދުން ދަތުރުކުރި އިސްރާއީލާ ގުޅުން ހުރި ދެ އުޅަނދަކަށް ޑްރޯން ހަމަލާ ދިން ކަމަށް ބުނާ ވާހަކަ އެމްއެންޑީއެފުން ވަނީ ދޮގުކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖެ ސަރަހައްދުން ދަތުރު ކުރި, އިސްރާއީލާ ގުޅުން އޮތް ދެ ތެޔޮ ޓޭންކަރަކަށް ޑޮރޯން ބޭނުން ކޮށްގެން ބޮމުގެ ހަމަލާ ދީފައިވާ ކަމަށް ބުނެ ބޭރުގެ ނޫސްތަކެއްގައި ފަތުރާ ޚަބަރަކީ ސައްހަ ޚަބަރެއް ނޫންކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އުރުދުންގެ ޖޯޑަން ނިއުސްގައިވާ ގޮތުން، ދެ ދުވަސް މަތިން ދީފައިވާ އެ ހަމަލާތަކުގައި ދެ ބޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، އެފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ބެލިބެލުމުން އެ ޚަބަރުގައިވާ ބަައެއް މައުލޫމާތައި ފޮޓޯއަކީ މިީގެ ކުރިން ރާއްޖެއާ ދުރުން ހިނގާފައިވާ ހާދިސާތަކުގެ މައުލޫމާތާއި ފޮޓޯކަން އެނގިފައިވާ ކަމަށާއި އެފަދަ ކަމެއް ހިނގިކަމުގެ އެއްވެސް ހިލަމެއް ފެންނަން ނެތްކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން، މައުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށް ވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް ސިފައިން ބުންޏެވެ.

އެހެންކަމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި އެފަދަ ހާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ސައްހަ ޚަބަރެއް ނޫން ކަމަށް ބެލެވޭ ކަމަށް އެމްއެންޑިއެފުން ބުންޏެވެ. ނަމަވެސް އެކަން އިތުރަށް ބަލަމުން އަންނަކަން ސިފައިން ފާހަގަކުރިއެވެ.

comment ކޮމެންޓް