މާދަމާއިން ފެށިގެން ހުރިހާ ސްކޫލެއްގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް އެސެމްބްލީގައި: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް، މާދަމާއިން ފެށިގެން ހުރިހާ ސްކޫލެއްގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ގައުމީ ސަލާމުން ފަށަން ސްކޫލްތަކަށް މިހާރު އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފިއެވެ.

މާދަމާއަކީ 2023-2024 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭ ދުވަހެވެ.

ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ކަނޑައަޅުއްވާފައިވަނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

އެޑިއުކޭޝަން މިނިސްޓްރީން 'ސަން'އަށް ބުނީ މިހާރު ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް، މާދަމާއިން ފެށިގެން ގައުމީ ސަލާމުން ސްކޫލްތަކުގެ ކިޔެވުން ފައްޓަން އަންގާފައި ވާނެ ކަމަށެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގައި ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރު ވެސް ގައުމީ ސަލާމުން ފައްޓަން އަންގާފައި ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން---

މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ރައީސް އެ ނިންމުން އިއުލާންކުރެއްވީ، ކެބިނެޓުގެ ބައްދަލުވުމަކަށް ފަހުއެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި ގައުމީ ސަލާމުން ކިޔެވުން ފަށަން ނިންމެވީ ގައުމު ދެކެ ލޯބިވާ ކުދި ބަޔަކަށް ދިވެހި ދަރިވަރުން ހެދުމުގެ ގޮތުން ކަމަށެވެ. އަދި ގައުމީ ސަލާމާއި ގައުމީ ދިދަ ދެކެ ލޯބިވާ ދަރިންތަކަކަށް އެ ކުދިން ހެދުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެސެމްބްލީ އޮންނަ ދުވަސްތަކުގައި ގައުމީ ސަލާމުން އެސެމްބްލީ ނިންމައެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ވެސް ގުރުއާން ކިޔެވުމަށް ފަހު ގައުމީ ސަލާމް ކިޔާނެއެވެ.

comment ކޮމެންޓް