ހުޅުމާލެ ފޭސް 1 ފްލެޓްތަކުގެ މަހު ކުލި ކުޑަކޮށްފި

ހުޅުމާލޭގެ ފޭސް 1ގައި މިއަދު ބޭއްވި ޕީއެންސީ ކެމްޕެއިން ހަރަކާތުގެ ތެރެއިން ރައީސް މުއިއްޒު ރައްޔިތުންނާއި މުހާތަބުކުރައްވަނީ --- ފޮޓޯ: މޫސާ ނަދީމް/ ސަން

ހުޅުމާލޭ ފުރަތަމަ ފޭސްގެ ފުލެޓްތަކުގެ މަހު ކުލި، އަންނަ މަހުން ފެށިގެން 20 ޕަސެންޓް ސަރުކާރުން ކުޑަ ކުރަން ނިންމާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިފަދައިން އިއުލާނުކުރެއްވީ، އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ހުޅުމާލެއަަށް ވަޑަައިގެން، ފޭސް އެކެއްގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

"އަޅުގަނޑު މިއަދު މިތަނުގައި އިއުލާނުކޮށްލަން ބޭނުންވަނީ، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސެންޓު އަގު ކުޑަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

މި ލުއި ރައްޔިތުންނަށް މި ދެވުނީ މިވަގުތު އިޤުތިސާދި ހާލަތު ހުރި ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދަށްވެ، ރައްޔިތުންގެ އަތްމަތީގެ އާމްދަނީ ދަށްވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ކުލި ދައްކަނީ ވަރަށް ހާލުގައި ކަމަށާއި، އެކަމަށް ސަރުކާރުން އެހީތެރިކަން ދޭން ބޭނުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ފްލެޓުތަކުގެ ކުލިން އުނިކުރާ 20 ޕަސެޓް މެނޭޖުކުރާނީ ސަރުކާރުން ކަމަށާއި، ރައްޔިތުން އެކަމާއި ކަންބޮޑުވާން ނުޖެހޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، އެ ފްލެޓްތަކުގެ މެއިންޓެނެސް ފީ ގެ ހިސާބުތައް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ހައުސިން މިނިސްޓްރީ އާއި ގުޅިގެން މިވަގުތު ތައްޔާރުކުރަމުން ދާ ކަމަށާއި، އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިވަގުތަށް މެއިންޓެނެސެސް ފީގެ ވަކި އަދަދެއް ނޭނގުނު ނަމަވެސް، އަންނަ މަހުން ފެށިގެެން، ހުޅުމާލޭ ފުރަތަމަ ފޭސްގެ ފުލެޓްތަކުގެ މަހު ކުލި، 20 ޕަސެޓް އަގު ކުޑަ ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ އެ ފްލެޓްތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާތައް ވެސް މައާފު ކޮށްދީފައެވެ.

comment ކޮމެންޓް