މާލޭގެ ފެން ހިންދާ ކާނުތައް ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މާލެ މަގުތަކުގެ ފެން ހިންދާ ކާނުތައް ސާފުކުރުމުގެ ޚާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެކަން ފެށުމަށް މިއަދު ހެނދުނު ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެކަން ޝަރަފްވެރިކޮށްދެއްވީ ލޯކަލް ގަވާމެންޓް އަދި ޕަބްލިކް ވޯކްސް ވުޒާރާގެ ވަޒީރު، އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ކާނުތައް ސާފުކުރުމުގައި މިނިސްޓަރާއި އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ކުރިއައް އޮތް ފަސް ދުވަހަށް ދެމިގެން ދާނެ ޕްރޮގްރާމެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ޕްރޮގްރާމުކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

މާލޭގައި ފެންބޮޑު ވުމުގެ މައްސަލައަކީ ވަރަށް ދަތިވެފައިވާ މައްސަލައެކެވެ. މިދިޔަ ހަފުތާގައި ކުރި ވިއްސާރައިގެ ސަބަބުން މުޅި މާލޭގައި ފެންބޮޑުވެ، ބައެއް ގެތަކަށް ބޮޑެތި ގެއްލުންތައް ވިއެވެ.

comment ކޮމެންޓް