ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ނިންމައި، އެ ސަރަހައްދުގައި ރީއެކްސްޕޯޓް އެސްއީސެޑް ޒޯނެއް

ރައީސް އެއާޕޯޓު މަޝްރޫއު އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނިމިދިޔަ ސަރުކާރުން ގުޅިފަޅަށް ބަދަލުކުރަން ނިންމައިފައިވާ ޕޯޓު، ތިލަފުއްޓަށް އަލުން ބަދަލުކޮށް، އެ ސަރަހައްދުގައި ރީއެކްސްޕޯޓް އެސްއީޒެޑް ޒޯނެއް ތަރައްގީކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ކަން ހާމަަކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ތިލަފުއްޓަށް ޕޯޓު ބަދަލުކުރަން ނިންމެވީ، ގުޅިފަޅަކީ އެ ޕޯޓު ގާއިމްކުރަން އެންމެ އެކަށީގެންވާ ތަނަކަށް ނުވުމުންކަމަށެވެ.

"ގުޅިފަޅުގައި ހަދަން ނިންމައިފައި އޮތް ޕޯޓު، އެ ތަނަށް އެކަށީގެންވާ ކަމަކަށް ނުވާތީ ތިލަފުއްޓަށް ބަދަލުކުރުމަކީ އަަޅުގަނޑުމެން މިހާރު ނިންމައިފައިވާ ކަމެއް. ތިލަފުށީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކުރާނީ އިންޓަނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ތިލަފުށީގައިި ހިއްކާ ބިމުންނާއި، އެހެން ބިންތަކުގެ ތެރެއިން ޒަރޫރީ ބޭނުންތަކަށް ބިން ނެގުމަށްފަހު، ސަރުކާރުން އުފައްދަން ނިންމައިފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަށް 100 ހެކްޓަރުގެ ބިން ކަނޑައަޅާނެ ކަމަށެވެ.

އެއީ ރާއްޖެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަކެތި އެތެރެކޮށް ރީއެކްސްޕޯޓްކުރުމަށެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދަލާއި، ކާބޯތަކެއްޗާއި، އެ ނޫން މުދާ ހިމެނެއެވެ.

"...މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް، އަދި ރީ އެކްސްޕޯޓް ކުރުމަށް ޓަކައި ވަރަށް ސްޓްރެޓެޖިކް ލޮކޭޝަނަކަށް ވާތީ، އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީއެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑް ޒޯނަކަށް އެ ތަން ހެދިގެންދާނެ،" ރައީސް ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މިއީ އިގްތިޞާދު ފުޅާކުރުމުގެ ބޭނުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

މީގެ ކުރިން އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ނިންމީ ތިލަފުށީގައި ޕޯޓު އެޅުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރީ ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުންނެވެ.

ގުޅިފަޅުގައި ނިމިދިޔަ ސަރުކާރުން ވަނީ އެ ކަމުގެ ބައެއް މަސައްކަތްތައް ވެސް ފަށައިފައެވެ.

comment ކޮމެންޓް