ބައިނަލްއަގްވާމީ މާލީ އިދާރާތައް ރާއްޖެ ގެންނަން އާ އޮތޯރިޓީއެއް އުފައްދަނީ

ރައީސް އެއާޕޯޓު މަޝްރޫއު އިފްތިތާހުކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ"ގެ ނަމުގައި ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމުގެ މަގުފަހިކުރުމަށް އާ އިދާރާއެއް އުފައްދަވަން ނިންމަވައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ.

ރައީސް މި ކަން ހާމަކުރެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ އޮތް ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ކަމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމަށް ޓަކައި ކުރާ ކަމެއް ކަމަށެވެ. އަދި އެ ކަމަށް ޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއާއި އެ ނޫން އިދާރާތަކާ ގުޅިގެން އެ އިދާރާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމުގެ މަގު މި ވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމަށް. އެ ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމާ ގުޅުންހުރި ޚާއްސަ ގާނޫނުތައް ހަދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި އެ ކަން ކުރުމަށް ހުށަހަޅައި، އިތުރު މަޝްވަރާތައް ކުރައްވާނެކަމަށެވެ.

މި އޮތޯރިޓީ ގާއިމްކުރަން ނިންމިއިރު ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށްގެން ސަރުކާރުން ކުންފުންޏެއް އުފައްދަން ވެސް ސަރުކާރުން އޮތީ ނިންމައިފައެވެ.

އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއުއެޑްކުރުމާއި، ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްޞަ 100 ޕަސެންޓް ދިވެހި ކުންފުންޏެއް އުފެއްދުމަށެވެ.

އެ ކުންފުންޏަށް ދީފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއެވެ. ސަރުކާރުން ބުނީ މި ކުންފުނި އުފައްދަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ، އެމްޓީސީސީ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް