އަތޮޅުތެރެއާއި ސިޓީތަކަށް ވަގުފުގެ މަޝްރޫއު އިފްތިތާހުކޮށްފި

އިސްލާމިކް މިނިސްޓްރީން، ސިޓީ ވަގުފާއި އަތޮޅު ވަގުފު އިފްތިތާހު މިއަދު އިފްތިތާހުކޮށްފިއެވެ.

އެ ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސިޓީ ވަގުފާއި އަތޮޅު ވަގުފް އިފްތިތާހުކޮށްދެއްވީ ސީޓިތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަތޮޅުތެރޭގައި ހިންގާ ވަގުފްގެ ކަންތައްތަކަކީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަމަށެވެ.

އަދި މަޝްރޫއުގެ ދަށުން ލިބޭ ހުރިހާ ފައިސާއެއް ހުންނާނީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ވުޒާރާ އިން އެހީތެރިކަން ފޯރުކޮށްދެނީ ވަގުފް މަޝްރޫއު ގާއިމުކުރުމަށް ކަމަށެވެ. އަދި އެ މަޝްރޫއު ގާއިމުކުރުމަށް ބޭނުންވާ ފައިސާ އެ ވުޒާރާއިން ހޯދައިދޭނެކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެއް ގޮތަކީ މިނިސްޓްރީގެ ފަންޑުތަކުން ފައިސާ ފޯރުކޮށްދިނުން ނުވަތަ އިސްލާމީ ބޭންކްތައް މެދުވެރިކޮށް، ލޯނު ނެގޭނެ ވަރަށް އިކުއިޓީ ފޯރުކޮށްދިނުން ކަމަށް މިއަދު ދެއްކި ވާހަކަފުޅުގައި ޝަހީމްވަނީ ވިދާޅުވެފައެވެ.

މި ފުރުސަތުގައި ވިޔަފާރިވެރިންނަށް ވެސް މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިހާރު ވެސް ހަތަރު ސިޓީއަކުންނާއި އަށް އަތޮޅުން އެ ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި 80 ރަށަކުން ރަށު ވަގުފް ގާއިމުކުރުމަށް އެދިފައިވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އުންމީދަކީ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަޝްރޫއުތައް ފެށުން ކަމަށާއި އެކަމުގައި މިހާރު ވެސް ބޭންކްތަކާއި ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި އަމާޒަކީ މި އަހަރު ގިނަ ހިސާބުތަކެއްގައި މަޝްރޫއުތައް ހިންގުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް