އެލައިޑުގެ އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑުން މާލީ އެހީ ލިބޭ ފަރާތްތައް ހޮަވައިފި

އެލައިޑް އިންޝިއުރަންސްގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފު ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑުން އެހީ ލިބޭ ފަރާތްތައް ހޮވައިފިއެވެ.

ފަންޑިން ޕްރޮގުރާމްތަކަށް ހޮވުނު ފަރާތްތައް އިއުލާނުކުރީ މިއަދު އެލައިޑުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނަންތައް އިއުލާނުކުރެއްވީ އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާންއެވެ.

"އެލައިޑް ކޮމިއުނިޓީ ފަންޑް"އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ޚިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.

އެގޮތުން، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، އެލައިޑު ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ލިބޭ ޕްރޮޖެކްޓުތައް ވަނީ މިއަދު އިއުލާންކޮށްފައެވެ. އެއީ:

  • ށ. މިލަންދޫ، މިލަންދޫ ސްޕޯޓްސް ކްލަބް - ޖިމް ޓްރެއިނިން ޕްރޮގްރާމް
  • ވ. ކެޔޮދޫ، ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ - ކެޔޮދޫ ސްކޫލަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމަށް
  • ށ. ކަނޑިތީމު، ބްލޫ ގިލްޑް ފައުންޑޭޝަން - ސާފް ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމް
  • ޅ. ނައިފަރު، ނައިފަރު ޖުވެނައިލް - ނައިފަރުގައި ޕްލާސްޓިކް މަދު ކުރުމުގެ ޕްރޮގްރާމް

އެޑިއުކޭޝަން ފަންޑުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް ކާމިޔާބު ކުރި ފަރާތްތަށް --އިންފިނަޓް މޫވްމެންޓް/ނަދީމް

"އެލައިޑް އެޑިޔުކޭޝަން ފަންޑް" އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ޚިޔާލުތަކަށް ހިތްވަރުދޭ ފަންޑިން ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން، މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ހަ ސްކޫލަކުން ހިންގާ ޕްރޮޖެކްޓަކަށް ނިންމާފައިވާއިރު، އެއިން ކޮންމެ ޕްރޮޖެކްޓަކަށް ވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެއެވެ. އެގޮތުން، އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވާ ސްކޫލުތަކާއި ޕްރޮޖެކްތަކަކީ:

  • ލ. މާމެންދޫ ސްކޫލް - ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު
  • ށ. ފޯކައިދޫ ސްކޫލް - ސްޓަޑީ ބެންޗް ގާއިމްކުރުމަށް
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ، - އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމަށް
  • ތ. ހިރިލަންދޫ ސްކޫލް - ސެން ކުދިންނަށް ކިޔަވައިދޭން އެކަށީގެންވާ މާހައުލެއް ބިނާ ކުރުމަށް
  • މަދަރުސަތުލް އިފްތިތާހް، ޅ. ނައިފަރު - ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް
  • މުހައްމަދު ޖަމާލުއްދީން ސްކޫލް - ލައިބްރަރީއަށް ފޮތް އިތުރުކުރުމަށް

އަންނަ އަހަރު ވެސް މި ދެ ފަންޑިން ޕްރޮގްރާމު އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތްދެމުން އަންނަ އެލައިޑުން އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުއެވެ.

comment ކޮމެންޓް