ފިލްމު 'ވޭކް އަޕް ސިދް'ގެ ސީކުއެލްއެއް އުފައްދަނީ؟

ފިލްމު "ވޭކް އަޕް ސިދް"ގެ މަންޒަރެއް-- ފޮޓޯ/އިންޑިއާ ޓައިމްސް

މީގެ 14 އަހަރު ކުރިން ރިލީޒްކުރި ޑައިރެކްޓަރު އަޔާން މުކަރުޖީގެ ފިލްމު "ވޭކް އަޕް ސިދް"ގެ ސީކުއަލްއެއް އުފައްދަފާނެ ކަމުގެ އިޝާރާތެއް ދަރުމާ ކުންފުނިން ދީފިއެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސް ކުރި ދަރުމާގެ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު އަދި ބަތަލާ ކޮންކަނާ ސެންއެވެ.

ރަންބީރު ކަޕޫރު ހިމެނޭހެން އިއްޔެގެ ވަގުތެއްގައި ކަރަން ޖޯހަރު އާއްމުކުރި ވީޑިއޯއަކާ ގުޅިގެން "ވޭކް އަޕް ސިދް"ގެ ސީކުއަލްއެއް ހަޤީޤަތުގައި ވެސް ވުޖޫދަށް އަންނަނީތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ކަރަންގެ ވީޑިއޯއިން ރަންބީރު ފެންނަނީ "ވޭކް އަޕް ސިދް"ގައި ކުޅެފައިވާ ކެރެކްޓާ ސިދާތު މެހެރާގެ ގޮތުގައެވެ.

މީގެ 14 އަހަރު ކުރިން ބެލުންތެރިންނަށް ފިލްމުގައި ފެނުނު ސިދާތުއާ އިއްޔެގެ ވީޑިއޯއިން ފެނުނު ސިދާތު ތަފާތު ވެފައި ޚުދު ރަންބީރު ވެސް ފެންނަނީ ހުވަފެނެއްގައި އޮތުމަށް ފަހު ހޭލެވޭ މަންޒަރުންނެވެ. މި ވީޑިއޯ ޕޯސްޓު ކުރަމުން ދަރުމާގެ ހިންގުންތެރިޔާ ބުނެފައި ވަނީ، ސިދާތު މެހެރާގެ އެނބުރި އައުމާމެދު އޭނާގެ ހިތުގައި ވެސް ސުވާލު އުފެދޭ ކަމަށާއި އެނގޭހާ ވެސް ކަމަކީ ބެލުންތެރިން ވަރަށް އުފާވާނެ ކަންތައްތަކެއް ވުމުގެ ފުރުސަތު ބޮޑު ކަމުގައެވެ.

ރަންބީރުގެ ކެރިއަރުގެ މަގުބޫލު މި ފިލްމުގެ ސީކުއަލްގެ ވާހަކަ ދެކެވެމުންދާ އިރު ދާދިފަހުން ރަންބީރާއި ބަތަލާ ކޮންކަނާ ސެންޝަރުމާ އެކީގައި ފިލްމީ މަސައްކަތެއްގައި އުޅޭ މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ.

އެކްޓަރު ރަންބީރު ކަޕޫރު އަދި ބަތަލާ ކޮންކަނާ ސެންޝަރުމާ ދާދި ފަހުން ފިލްމެއްގެ މަސައްކަތުގައި އުޅޭ މަންޒަރު ދައކުވައިދޭ ފޮޓޯ ތަކެއް-- ފޮޓޯ/އިންޓަނެޓް

ވަރަށް އާދައިގެ ބަޖެޓަކުން އުފެއްދި ފިލްމު "ވޭކް އަޕް ސިދް"އަކީ، ކޮމެޑީ ޑްރާމާ ފިލްމެކެވެ. ލޯބީގެ ރަހަތަކެއް ހިމެނޭ މި ފިލްމުގައި ރަންބީރު ކުޅެފައި ވަނީ އަމިއްލަ ދުނިޔެއެއް ބިނާކުރުމަށް ޓަކައި މައިންބަފައިންނާ ވަކިން ދިރިއުޅުން ހޭދަކޮށް ބޭނުންވި ހުވަފެން ހަގީގަތަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރާ ޒުވާނެއްގެ ރޯލެވެ.

އެންމެ 18 ކްރޯރް ރުޕީސްއިން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 47.10 ކްރޯރް ރުޕީސް ވަނީ ލިބިފައެވެ.

comment ކޮމެންޓް