ގެސްޓްހައުސްއަކަށް ގެންގޮސް ފޭރުނު މައްސަލައިގައި ބަންދު އިތުރުކޮށްފި

މާލޭ މަލަމަތި: ގެސްޓްހައުސްއަކަށް މީހަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދު ވަނީ އިތުރުކޮށްފަ ---

އަންހެނަކު ލައްވައި ދައުވަތު ދީގެން، މީހަކު ގެސްޓްހައުސަކަށް ގެންގޮސް އެ މީހާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ތިން މީހުންގެ ބަންދު އިއްޔެ އިތުރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 21 އަހަރާއި 46 އަހަރުގެ ދެ ދިވެހި ފިރިހެނުންނާއި 18 އަހަރުގެ ދިވެހި އަންހެނެކެވެ. މި ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 19ގައި 15 ދުވަސް ޖެހިއެވެ.

އެ 15 ދުވަސް ހަމަވުމުން އެ ތިން މީހުން ވަނީ އިއްޔެ ބަންދުގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ތިން މީހުންނަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވެއެވެ.

އެހެންވެ، އަނެއްކާވެސް އެ ތިން މީހުންނަށްވަނީ އިތުރު 15 ދުވަސް ޖަހައިފައެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް ކުރެވެނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި، މާރާމާރީ ހިންގުމާއި ފޭރެން އުޅުނުކަމުގެ ތުހުމަތެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި ގެސްޓްހައުސަށް ދާން އޭނާއަށް ދައުވަތު ދީފައިވަނީ އަންހެން ކުއްޖާއެވެ.

ދައުވަތު ދީގެން ގެސްޓް ހައުސަށް ގެންދިއުމަށް ފަހު، އެ މީހާ ހިފަހައްޓައި، ފޭރެން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ތިން މީހުން ވެސް ހައްޔަރުކުރީ ސީނުން، ގެސްޓްހައުސް ތެރެއިންނެވެ.

މި މައްސަލައިގައި ހިމެނޭ 21 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިން 23 ފަހަރަށް ހައްޔަރުކޮށްފައިވާ މީހެކެވެ. ދެން ތުހުމަތުވާ 46 އަހަރުގެ މީހާ ހައްޔަރުކުރިއިރު އޭނާގެ ކަރުގައި، އަނިޔާ ލިބުނު މީހާގެ ފަށެއް އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އެ މީހާއަކީ ކުށުގެ ރިކޯޑު އޮތް މީހެކެވެ.

މީގެ އިތުރުން އަންހެން ކުއްޖާގެ ވެސް ބަންދުގެ ރެކޯޑު އޮތް ކަމަށް ކޯޓު އަމުރުގައިވެއެވެ.

ގެސްޓްހައުސްތަކުގައި ހަށިވިއްކުމާއި ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަ ރިޕޯޓުކޮށް، ތަހުގީގާ ހިސާބަށްދާ ވަރު މަދެވެ. އެގޮތުން ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރިޕޯޓުކޮށްފައިވަނީ ހަށިވިއްކުމުގެ ތިން މައްސަލައެކެވެ.

comment ކޮމެންޓް