ކެމެރާ: ފޭސްބުކުގެ އާ އެޕްލިކޭޝަނެއް

ފޮޓޯ ހިއްސާކުރާ އާ އެޕްލިކޭޝަނެއް، ކެމެރާގެ ނަމުގައި ފޭސްބުކުން ލޯންޗްކޮށްފިއެވެ. މި ސޮފްޓްވެޔާގެ އެހީގައި އެތައް ފޮޓޯއެއް ނެގުމަށް ފަހު، ފޮޓޯތައް ވަކިވަކީން އަޕްލޯޑު ކުރުމުގެ ބަދަލުގައި، ފޮޓޯތައް އެއްފަހަރާ އަޕްލޯޑުކޮށްލެވޭނެއެވެ. މި އެޕްލިކޭޝަނުގައި، ރައްޓެހީންގެ ފޮޓޯތަކުގެ ފީޑެއް ވެސް ހިމެނިފައިވެއެވެ.

ފޭސްބުކުން މި ސޮފްޓްވެޔާ ލޯންޗްކޮށްފައިވަނީ ކުއްލިއަކަށެވެ. ބޮޑު އަގެއް ދީފައި ފޭސްބުކުން ދާދި ފަހުން ގަތް އިންސްޓާގްރާމްގައި ހިމެނޭ ބައެއް ފީޗާތައް ވެސް މި އެޕްލިކޭޝަނުގައި ހިމެނޭކަން ފާހަގަކުރެވެއެވެ. ފޭސްބުކުން ވަނީ އިންސްޓާގްރާމް ގަތުމަށް އެއް ބިލިޔަން ޑޮލަރުގެ އަގެއް ހުށަހަޅައިފައެވެ. އެހެން ނަމަވެސް އަދި މި ވިޔަފާރި މުޅިއަކުން ނުނިމެއެވެ.

ޓެކްނޮލޮޖީއާ ބެހޭ ދިރާސާތައް ކުރާ ފަރާތެއް ކަމުގައިވާ ބްރިޔަން ބްލައު ބުނިގޮތުގައި، މިއީ ކުއްލިއަކަށް ކުރި ކަމަކަށްވުމުން ހައިރާންކަން ލިބުނު ނަމަވެސް، މިއީ ފޭސްބުކުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅެއް ކަމަށް ގަބޫލުކުރެވެއެވެ. "ފޭސްބުކުން ޖެހޭނެ އެމީހުންގެ ވިޔަފާރި ކުރިޔަށް ޖައްސަން." ބީބީސީއަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

މިވަގުތަށް ބަލާއިރު ކެމެރާ އެޕްލިކޭޝަން ހަމައެކަނި މަސައްކަތް ކުރަނީ އެޕަލްގެ ސްމާޓްފޯނުގައާއި ޓެބްލެޓުތަކުގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު