ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް ސަރުކާރުން އެކުލަވައިލަނީ

ޖެނުއަރީ 29، 2020: ވެލާނާ އެއާރޕޯޓްގައި ޓެކްސީ ތައް ކިޔޫ ޖެހިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވައިލުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މި ކަން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ކެބިނެޓް ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވައިލުމަށް ނިންމައި އެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ޓެކްސީ ޚިދުމަތް ދިނުމަކީ މީހުން އާމްދަނީ ހޯދުމަށް ދާއިމީ ގޮތެއްގައި ކުރާ މަސައަކަތެއް ކަމަށެވެ.

ނަމަވެސް، ރަސްމީ ގޮތެއްގައި ކުރެވޭ މަސައްކަތެއްގެ ސިފަ އެ ކަންކަމަށް ނުލިބި އޮތުމުން ޓެކްސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މުހިއްމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ކަންތައްތައް ނުފުދިދާކަން ސަރުކާރުގެ ސަމާލުކަމުގައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ލޯނުތަކަށް އެޕްލައި ކުރުމާއި އެ ނޫން ބޭންކިން ކަންކަމުގައި ދަތި ހުރި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ޑްރައިވަރުންގެ ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން، މި ދަފްތަރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓްގެ ނިޒާމް ގާއިމްކުރުމަށާއި، ބޭންކްތަކާ މަޝްވަރާކޮށްގެން މި ފަދަ ނިޒާމެއްގެ ދަށުން ނަގާ ފީގެ ނިސްބަތް އުވައިލައިގެން ޓެކްސީގެ ޚިދުމަތް ދެވޭނެ ގޮތުގެ ނިޒާމެއް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރެވިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ދަފްތަރު އެކުލަވައިލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މި ކަމާގުޅޭ ތަފްސީލީ ކަރުދާހެއް ކެބިނެޓަށް ހުށަހަޅައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ވެރިރަށް މާލޭ ސަރަހައްދުގައި ގިނަ ޓެކްސީ ސެންޓަރުތަކެއްގައި ރަޖިސްޓްރީކޮށްގެން، ގިނަ ޓެކްސީތަކެއް ދުއްވައެވެ.

ޑްރައިވަރުންގެ ޝަކުވާތަކާއި ޚިދުމަތް ލިބިގަންނަ މީހުންގެ ވެސް ކަންބޮޑުވުންތަކާއި، ޝަކުވާތައް އަބަދު ވެސް ފެންމަތިވެފައެވެ.

comment ކޮމެންޓް