ރާއްޖެއިން ފަގީރުކަން ނައްތައިލައި، ޒަކާތާ ބެހޭ ކަންކަން ވިހާ ވެސް ހަރުދަނާކޮށް ހިންގުމަށް ޓަކައި، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި ޚާއްސަ އިދާރާއެއް ރައީސް ޑރ. މުޙައްމަަދު މުއިއްޒު މިއަދު އިފްތިތާހުކުރައްވައިފިއެވެ.
މި އިދާރާ އިފްތިތާހުކޮށްދެއްވީ އެ ކަމަށް ޚާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. ޒަކާތާ ބެހޭ ވަކި މުއައްސަސާއެއް އުފެއްދެވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
މި އިދާރާގެ ބޭނުމަކީ ރާއްޖޭގައި ޒަކާތުގެ އިލްމު ފެތުރުމާއި، ޒަކާތް ނެރުމާއި ޒަކާތާ ގުޅޭ ގޮތުން އާންމުންނާއި ދައުލަތުގެ މުއައައްސަސާތައް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމެވެ.
އަދި ޒަކާތު ފަންޑަށް ލިބޭ ފައިސާ އިންވެސްޓްކޮށް، އިތުރުކުރުމަކީ ވެސް މި އިދާރާގެ މަސައްކަތް ބިނާކުރާނެ ކަމެކެވެ. ހަމައެއާއެކު ޒަކާތު ފަންޑަށް ލިބޭ ފައިސާއިން ބޭނުންތެރި މުހިންމު މަޝްރޫއުތައް ހިންގުމާއި، މިއަދު ޒަކާތް ލިބިގަންނަ މީހާ މާދަމާ ޒަކާތް ނެރޭ މީހަކަށް ހެދުމަކީ ވެސް މި އިދާރާގެ މަގްސަދެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތާ ބެހޭ ސިޔާސަތެއް މެނިފެސްޓޯގައި ލިޔުއްވައި، މިހާތަނަށް އެ ކަން ތަންފީޒުކުރެއްވި ހަމައެކަނި ރައީސަކީ، ރައީސް ޑރ. މުއިއްޒު ކަމަށެވެ.
އަދި އެ ކަމަށް ޓަކައި ޝުކުރު އަދައިކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިއަދު ޒަކާތު ހައުސް އުފެދިގެން މި ދަނީ ވަރަށް ވެސް މަތިވެރި ބޭނުމެއްގައި،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު މިނިސްޓަރު ވަނީ ޒަކާތުގެ އަޅުކަން އަދައިކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ.
މީގެ ކުރިން ޒަކާތުގެ ކަންކަން ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އެކަމަށް ޚާއްސަކޮށް އޮންނަ ވަކި ސެކްޝަނަކުންނެވެ. ނަމަވެސް މި އިދާރާއާއެކު ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް މަގުފަހިވާނެއެވެ.