ގާނޫނާ ޚިލާފަށް ހަޅުތާލުކުރާނަމަ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ތަސްދީގުކޮށްފި

މީގެ ކުރިން ހެލްތު މިނިސްޓްރީ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަނީ: އަޑު އުފުލަމުން ދަނީ ފްރޮންޓްލައިން އެލަވެންސް ނުދޭތީ -- ސަން ފައިލް ފޮޓޯ/ ނާއިލް ހުސައިން

މަސައްކަތްތެރިންގެ ޔޫނިއަނަކުން، ގާނޫނާ ޚިލާފަށް ހަޅުތާލެއް ހިންގައިފިކަން ސާބިތުވެއްޖެނަމަ 50،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނު މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މިއަދު އަމަލުކުރަން ފެށި މި ގާނޫނުގައި ވަނީ ރާއްޖޭގައި މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމާއި، އެ ފަދަ ޔޫނިއަންތަކުގައި ބައިވެރިވުމުގެ ހައްގުތައް ވެސް ބަޔާންކޮށްފައެވެ.

އަދި ޔޫނިއަނަކުން ކުރުން މަނާ ކަންކަން ވެސް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އަސްކަރީ ތަމްރީނެއް ލިބިގަތުމާއި، އެ ފަދަ ތަމްރީނެއް ބަޔަކަށް ދިނުން ހިމެނެއެވެ. އަދި އެ ނޫން ކަންކަން ވެސް ގާނޫނުގައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވެއެވެ.

އެ ގާނޫނުގައިވާ ގޮތުން ހަޅުތާލުކުރުން ނުވަތަ، އިންޑަސްޓްރިއަލް ފިޔަވަޅު އެޅުމުގެ ކުރިން އެ ޔޫނިއަނެއްގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، އަޣުލަބިއްޔަތުން ފާސްކުރަން ޖެހެއެވެ.

ނަމަވެސް އެއާ ޚިލާފަށް ނުވަތަ، މި ގާނޫނާ ޚިލާފުވާ ގޮތަށް އެއްވެސް ހަޅުތާލެއް ހިންގައިފިނަމަ ނުވަތަ އިންޑަސްޓްރިއަލް ފިޔަވަޅެއް އަޅައިފިނަމަ، ނުވަތަ އެ ކަމުގައި ބައިވެރިވެއްޖެނަމަ، ނުވަތަ އެ ފަދަ ކަމަކަށް ހިތްވަރު ދީފިނަމަ އެ ކަމެއް ސާބިތުވެއްޖެނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި ގާނޫނުގެ ބޭނުމަކީ ދަށުން މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއ،ި އެފަދަ ޖަމިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްގު ކުރިއަރުވައ،ި ކަށަވަރުކޮށްދިނުމެވެ.

އަދި އެ ހައްގު ލިބިދެވޭނެ ދާއިރާއެކަށައަޅައ،ި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއ،ި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް ބަޔާންކުރުމެވެ.

މީގެ އިތުރުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއ،ި ޓްރޭޑް ޔޫނިއަންތަކާގުޅޭ އެ ނޫން ވެސް ކަންކަމާއި އުސޫލުތައް ސާފުކޮށް ބަޔާންކުރުމެވެ.

ގާނޫނުގެ ދަށުން މި ފަދަ ޔޫނިއަންތައް އުފައްދައި ހިންގުން މަނާވެފައިވަނީ ދިވެހި އަސްކަރިއްޔާއަށާއި، ދިވެހި ފުލުހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައި، ވަކިކުރައްވައި ބޭފުޅުންނަށެވެ.

ރާއްޖޭގައި މިހާރު ވެސް އެކި ދާއިރާގެ މަސައްކަތްތެރިންގެ ގިނަ ޖަމިއްޔާތައް ހިންގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް