ފަރަށް އަރައި އަޑިއަށް ދިޔަ ސައުތުލައިން ބޯޓަށް 10 މިލިއަން ރުފިޔާގެ ގެއްލުން

ސައުތުލައިން ބޯޓު: އެ ބޯޓަށް 10 މިލިއަން ރުފިޔާގެ ގެއްލުން ލިބިއްފައިވޭ-- ފައިލް ފޮޓޯ/ އެމްއެންޑީއެފް

އިއްޔެ ރޭ ގއ. ނިލަންދޫ ފަރަށް އަރައި އަޑިއަށް ދިޔަ "ސައުތު ލައިން" ބޯޓަށް 10 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް އެ ބޯޓުގެ ވެރިފަރާތުން މިރޭ ބުނެފިއެވެ.

ފުލުހުން ރޭ ބުނި ގޮތުގައި، މުދާ އުފުލާ ބޯޓެއް ކަމަށްވާ ސައުތުލައިން ބޯޓު ނިލަންދޫގެ ފަރަށް އެރިކަމަށް ރިޕޯޓް ކޮށްފައިވަނީ ރޭ 20:15 ހާއިރެވެ.

އެ ބޯޓުގެ ވެރިފަރާތުން 'ސަން'އަށް މައުލޫމާތު ދިންގޮތުގައި، އެ ހާދިސާގައި ބޯޓު ވަރަށް ބޮޑަށް ފަޅައިގެން ގޮސް، މުދަލާއެކު އަޑިއަށް ދިޔައެވެ. ބޯޓަށް ގެއްލުން ބޮޑުވީ އެހެންވެކަން ފާހަގަކޮށް އޭނާ ބުނީ މިހާރު ބޯޓު ނަގައި، ގެންގޮސްފައިވާ ކަމަށެވެ.

އެ ބޯޓުގެ ވެރިފަރާތުން ގެންދިޔަ އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން އެ ބޯޓު ނިލަންދޫ ބަނދަރަށް ގެންދިޔައީ މެންދަމު 3:19 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓު ފަރަށް އެރީ 11 ފަޅުވެރިންނާއެކު ދަތުރުކުރަމުން ދަނިކޮށް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ބޯޓުގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސްފައި އޮތް ކަމަށެވެ. އެހެންވެ ޕަމްޕު ޖައްސައިގެން ފެން ހިއްކައި، ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސިފައިން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ އިރުވައި މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުވެސް ވަނީ ގަދަވެފައެވެ. އިއްޔެ ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކަށް މެޓް އޮފީހުން އޮތީ ގިނަ ވަގުތުތަކުގައި ރީނދޫ ސަމާލު ނެރެފައެވެ. އަދި މެންދުރުފަހު، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ވެސް ނެރުނެވެ.

comment ކޮމެންޓް