އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާއިން ބޯންމޯތުގެ މައްޗަށް ކުރި ހޯދައިފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސްޕާސްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބޯންމޯތުންނެވެ.
މެޗުގެ ފެށުން ރަނގަޅުވެފައިވަނީ ވެސް ސްޕާސްގެއެވެ. މިގޮތުން ސްޕާސްއިން ވަނީ މެޗުގެ ނުވަވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޕޭ ސާއެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް މި ހާފު ނިމިގެންދިޔައީ އިތުރު ލަނޑެއް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވިއެވެ.
ސްޕާސްގެ ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހައިދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. އަދި، ފަހު ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖަހައިދިނީ ރިޗާލިސަންއެވެ. މެޗުގައި ބޯންމޯތުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ސްކޮޓެވެ.
މި ނަތީޖާއާ އެކު ސްޕާސްއިންވަނީ ޖެހިޖެހިގެން 32 މެޗުގައި ލަނޑު ޖަހައި ކްލަބުގެ ރިކޯޑާ އަރައި ހަމަކޮށްފައެވެ. އަދި، ސްޕާސް މިހާރު އޮތީ 20 މެޗުން ލިބިފައިވާ 39 ޕޮއިންޓާ އެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި، ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންދާ ބޯންމޮތު އުޅެނީ 25 ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގައެވެ.