ގެއްލުންތައް ބައްލަވައިލައްވަން ރައީސް ގޭގެއަށް، ދެއްވީ އެހީގެ ޔަގީންކަން

ފެންބޮޑުވެފައިވާ މާލޭގައި ރައީސް ހިންގަވަނީ: ރައީސް ވަނީ ބައެއް ގެތަކަަށް ވަންނަވައި، އާއިލާތަކާ ވާހަކަ ދައްކަވާފަ --

މާލެއަށް ބޯކޮށް ވާރޭވެހޭތާ މިހާރު ގާތްގަނޑަކަށް 24 ގަޑިއިރުވެފައިވާއިރު, ވިއްސާރައިގެ ސަބަބުން ގެތަކަށް ލިބިފައިވާ ގެއްލުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބައްލަވައްލައިފިއެވެ.

ރައީސާއެކު ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ވެސް ވަނީ ފެންބޮޑުވެފައިވާ ބައެއް ގެތަކަށް ވަންނަވައި، އެ ގެތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަ ދައްކަވާފައެވެ. އެ ދެ ބޭފުޅުން ވެސް ވަނީ މީހުންގެ ހާލަތު އޮޅުންފިލުއްވައި، އެ ގެތަކުގައި ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުންތަކާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

ރައީސާއެކު، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި މާލޭ ސިޓީގެ މޭޔަރުގެ ޒިންމާތަކާ މިވަގުތު ހަވާލުވެ ހުންނެވި އަހުމަދު ނަރީޝާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ބޭފުޅުންނާއި ވެސް ވަޑައިގަތެވެ. އަދި ގެތަކަށް ލިބިފައިވާ ގެއްލުންތައް ކިޔައިދިނުމުން، ރައީސް އެ ކަންބޮޑުވުންތައް އެ ޓީމާ ހިއްސާ ކުރައްވައި، އެހީ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ފެންބޮޑުވެފައިވާ މާލޭގައި ރައީސް ގެތަކަށް ޒިޔާރަތްކުރެއްވުން: ރައީސާއެކު ނައިބު ރައީސާއި ޑިފެންސް މިނިސްޓަރު ވެސް ވަޑައިގަތް --

ރައީސް އެއް ގެއަށް ވަޑައިގެން، އެ ގޭގައި ގެންގުޅޭ ބައެއް އެއްޗެހި ހަލާކުވެފައިވާކަން ފާހަގަ ކުރައްވައި، "ވަގުތުން އެހީ ފޮނުއްވާނެ" ކަމުގެ ޔަގީންކަން އެ އާއިލާއަށް ދެއްވިއެވެ.

އެންޑީއެމްއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ 100އަށް ވުރެ ގިނަ ގެއަށް ވަނީ ފެން ވަދެފައެވެ.

ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގައި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު ފަހު މެޓް އޮފީހުން އޮތީ އޮރެންޖު އިންޒާރު ނެރެފައެވެ. ނަމަވެސް މިހާރު އެ އިންޒާރު ދަށްކޮށް، ރީނދޫ ސަމާލަކަށް ވަނީ ދަށްކޮށްފައެވެ. އެއީ ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ސަމާލުވުމަށް ބުނެއެވެ.

comment ކޮމެންޓް