ވިއްސާރައިގެ ސަބަބުން އެއާޕޯޓު އެލާޓުގައި، ބައެއް ފްލައިޓުތައް ކެންސަލްވެއްޖެ

މީގެ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ރަންވޭގައި ފެންބޮޑުވެފައި: މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ އެމާޖެންސީ ޚިދުމަތް ވަނީ އެލާޓަށް ގެނެސްފަ -- ފޮޓޯ/ ސޯޝަލް މީޑިއާ

މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ބައެއް ފްލައިޓުތަކާއި ބޭރުގެ ބައެއް ފްލައިޓުތައް ވެސް މިއަދު ކެންސަލްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފްލައިޓް ޝެޑިއުލްއިން ދައްކާގޮތުގައި މިއަދަށް ތާވަލުކޮށްފައި އޮތް ފްލައިޓުތަކުގެ ތެރެއިން ކެންސަލްކޮށްފައިވާ ގިނަ ފްލައިޓުތަކަކީ ރާއްޖެއިން ބޭރުން އަންނަ ނުވަތަ ބޭރަށް ފުރަން އޮތް ބޯޓުތަކެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްޞަ ބައެއް ފްލައިޓުތައް ވެސް ކެންސަލްކޮށްފައިވާއިރު، ގިނަ ދަތުރުތައް ޑިލޭ ކޮށްފައިވާ ކަމަށް ޝެޑިއުލްއިން ދައްކައެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައްމާން ޝާކިރު "ސަން"އަށް ވިދާޅުވީ ވިއްސާރަވުމުންނާއި ބޭރު ފެންނަ މިންވަރު ކުޑަވުމުން ބައެއް ފްލައިޓުތައް ޑިލޭކޮށް، މިސްރާބު ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެއާޕޯޓުގައި ފެންބޮޑުވެފައިވާ ކަމަށާއި ފެން ހިންދުމުގެ މަސައްކަތް އެއާޕޯޓުގެ އެމާޖެންސީ ސާވިސަސްއިން ކުރަމުން އަންނަ ކަމަށެވެ.

"މިވަގުތު މަސައްކަތް ކުރަނީ އޮޕަރޭޝަންތައް ނޯމަލްކޯށް ކުރިއަށް ގެންދެވޭތޯ. އޮރެންޖު އެލާޓުގައި އޮތުމުން އެއާޕޯޓް އެމާޖެންސީ ސާވިސަސް އަދި ހުރިހާ ޑިވިޝަންތަކެއް އެލާޓުގައި އޮވެ، މި ހާލަތު މޮނިޓާ ކުރަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ފަސިންޖަރުން ފުރަން ދާއިރު މޫސުމަށް ސަމާލުވުމަށާއި، ދުރާލާ ފްލައިޓު ޝެޑިއުލް ބެލުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ.

"މޫސުން ގޯސް، އޮރެންޖު އެލާޓުގައި އޮތީ، އެއާޕޯޓު ވެސް އެލާޓުގައި އޮތުމާއެކީގައި ފަސިންޖަރުން ވެސް ފްލައިޓު ޝެޑިއުލްތައް ބަލައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ޝައްމާން ވިދާޅުވިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވެސް އިރުވައި މޫސުމުގެ ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ގަދައެވެ. ރެއިން ފެށިގެން މޫސުން އިތުރަށް ގޯސްވެ، ވާރޭވެހި، މުޅި މާލޭގައި ވަނީ ފެންބޮޑުވެފައެވެ.

comment ކޮމެންޓް