ފަހު މިނެޓުގައި ބާންލީ ބަލިކޮށް، ވިލާއިން ލިވަޕޫލާ އަރައި ހަމަކޮށްފި

އެސްޓާން ވިލާއިން މޮޅުވި ލަނޑު ޖަހައިދިނުމަށްފަހު ޑަގްލަސް ލުއިސް އުފާފާޅު ކުރަނީ -- ފޮޓޯ/ ދި ޓެލެގްރާފް

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއިން ބާންލީ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކަމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ވިލާއިންނެވެ. މިގޮތުން މި މެޗުގެ ފެށުން ވެސް ރަނގަޅުކުރީ ވިލާއިންނެވެ. އެ ޓީމުން ވަނީ މެޗުގެ 28 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮން ބެއިލީއެވެ.

ނަމަވެސް މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ބާންލީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒެކީ އަމްދޫނީއެވެ. މެޗުގައި ވިލާއިން ދެވަނަ ފަހަރަށް ލީޑު ނަގައިފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައި މޫސާ ޑިއާބީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް އެއް ގޮތް ކުޅުމެކެވެ. މިގޮތުން ވިލާއިން ބޮޑަށް ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ބާންލީއިން ދިޔައީ ދިފާއުކޮށް ލިބޭ ފުރުސަތު ތަކުގައި ހަމަލާ ދެމުންނެވެ. މެޗުގައި ބާންލީން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތަށް މެޗުގެ 56 ވަނަ މިނެޓުގައި އެ ޓީމުގެ ސެންޑާ ބާގަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމާ އެކު ހީނަރުކަމެއް އަޔެވެ. ނަމަވެސް މިއާއެކު ވެސް ބާންލީން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ.

މި ލަނޑު ބާންލީއަށް ކާމިޔާބު ކޮށްދިނީ ލީލް ފޮސްޓާއެވެ. މެޗުން ވިލާ މޮޅުވި ލަނޑު މެޗު މިނެއް އެއް މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޑަގްލަސް ލުއިސްއެވެ. ބާންލީން ތިންވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެ ޓީމަށް ކާމިޔާބު ވާގޮތެއް ނުވިއެވެ.

މި ނަތީޖާއާ އެކު، ވިލާއިން މިހާރު ވަނީ ކުޅުނު 20 މެޗުން ލިބިފައިވާ 42 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި އަރާ ހަމަކޮށްފައެވެ. ނަމަވެސް ވިލާއިން ވަނީ ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. މި މެޗުން ބަލިވުމުން ބާންލީ އޮތީ 11 ޕޮއިންޓާ އެކު ތާވަލުގެ 19 ވަނައިގައެވެ.

comment ކޮމެންޓް