ހުޅުލެ ވެސް ފެނު އަޑީގައި، ދަތުރަށް ބުރޫ އަރައިފާނެތީ ސަމާލުވާން އަންގައިފި

ވީއައިއޭގައި އެއާކްރާފްޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ: އެމްއޭސީއެލް

މޫސުން ގޯސްވެ، ވެހެމުން އަންނަ ބޯ ވާރޭގައި ހުޅުލޭގައި ވެސް ވަރަށް ފެން ބޮޑުވެއްޖެއެވެ.

މީގެ ކުރިން ވެސް ބޯކޮށް ވާރޭ ވެހުމުން އެއާޕޯޓުގައި، ފެން ބޮޑުވެ، ފުރާޅުން ފެން ފޭބުން ފަދަ ކަންކަން ހިނގައިފައިވެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓު ދަތުރުތަކަށް ބުރޫ އަރައިފާނެތީ ދަތުރުވެރިން ސަމާލުވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އަންގައިފައެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ ބޯ ވާރޭގެ ސަބަބުން ވިޒިބިލިޓީ ދަށްވުމާއި، އެ ނޫން އެކި ކަންކަމުގެ ސަބަބުން ފްލައިޓްތައް ޑިލޭވަމުން އަންނަ ކަމަށެވެ.

ނަމަވެސް ޑިލޭވުން މަދުކޮށް، ވީ އެންމެ އަވަހަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

އެއާއެކު ދަތުރުވެރިން އެ ކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުން އަންނަ އިރުވައި މޫސުމުގެ ވިއްސާރައިގައި، މެެދުކެނޑުމެއް ނެތި ބޯކޮށް ވެހެމުން އަންނަ ވާރޭގައި މުޅި މާލެ ތެރެ ވެސް ފެނު އަޑިއަށް ވަނީ ގޮސްފައެވެ.

މި އަހަރު މޫސުން ރަނގަޅުނުވެ، ދިގުލައިގެން ގޮސްފައިވަނީ މި ސަރަހައްދުގެ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކެއްގެ ސަބަބުން ކަމަށް މީގެ ކުރިން މެޓު އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް