އިސްކޯ، ބެޓިސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

ރެއާލް ބެޓިސްގެ ސްޕެއިން މިޑްފީލްޑަރު އިސްކޯ -- ފޮޓޯ/ ގެޓީ

ސްޕެއިން މިޑްފީލްޑަރު އިސްކޯ، ރެއާލް ބެޓިސްއާއެކު ހަދައިފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

އިސްކޯ ކޮންޓްރެކްޓް އާކޮށްފައިވާކަން މިހާރު ރެއާލް ބެޓިސް އިން އިއުލާންކޮށްފައިވާއިރު، ދެން އޭނާގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2027 ވަނަ އަހަރެވެ.

އިސްކޯ ކޮންޓްރެކްޓް އާކުރިކަން ބެޓިސްއިން އިއުލާންކޮށްފައިވަނީ، އެކްޓަރު ސަޗާ ބެރޮން ކޮހެންގެ މަޝްހޫރު ކެރެކްޓަރު "އަލީ ޖީ" ފެންނަ ވީޑިއޯއަކާއެކުއެވެ.

ސެވިއްޔާއަށް ކުޅުމަށްފަހު، މި ސީޒަނުގައި ބެޓިސްއާ އިސްކޯ ގުޅުނީ އެއް އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެއަށްފަހު އޭނާ ވެގެން ގޮސްފައިވަނީ މި ސީޒަނުގައި ކޯޗު މެނުއަލް ޕެލެގްރިނީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ.

މީގެ ކުރިން އިސްކޯ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ބެޓިސްއާ ގުޅުމަކީ ފަސޭހަ ނިންމުމެއް ކަމަށާއި އެ ކްލަބުގައި އޮތީ ސީރިއަސް ޕްރޮޖެކްޓެއް ކަމަށެވެ. އަދި ބެޓިސްއާއެކު ކުރިއަރައިގެން ދާން ބޭނުންވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިސްކޯގެ އެންމެ ކާމިޔާބު ދުވަސްތައް އޭނާ ހޭދަކުރީ ރެއާލް މެޑްރިޑުގައެވެ.

ސެވިއްޔާއާ ގުޅުމުގެ ކުރިން އޭނާ ނުވަ އަހަރު ރެއާލްގައި ހޭދަކުރިއިރު، އެ ކްލަބާއެކު ފަސް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ތިން ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކުރިއެވެ.

comment ކޮމެންޓް