ޖެނުއަރީން ފެށިގެން މާޗުގެ ނިޔަލަށް ޓްރިވެންޑްރަމް އެއާޕޯޓުގައި އެނައުންސެއް ނުކުރާނެ

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓު-- ފޮޓޯ/ އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުގައި މި ފެށޭ ޖެނުއަރީގެ އެއްވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް "ސައިލެންޓް އެއާޕޯޓު" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

ސައިލެންޓް އެއާޕޯޓަކީ، އެއާޕޯޓުގައި ފަސިންޖަރުންގެ ސަމާލުކަމަށް ގެންނަން ގޮވާ އެންގުންތައް ނުގޮވައި ހުއްޓައިލުމެވެ. އެގޮތުން ނުގޮވަނީ ބޯޑިން އެނައުންސްމަންޓް ފަދަ އެންގުންތަކެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓުގައި ދޭ ބައެއް އެނައުންސްމަންޓްތައް މުޅިން ހުއްޓައިލުމުން ދަތުރުވެރިންނަށް ހަމަހިމޭން އަރާމު މާހައުލެއް ގާއިމު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޕަބްލިކް އެޑްރެސް (ޕީއޭ) ސިސްޓަމްތަކުގެ ތެރެއިން ކުއްލި ހާލަތާ ގުޅުންހުރި ކޮންމެހެން ބޭނުންވާ މައުލޫމާތުތައް އެއާޕޯޓުގައި ބްރޯޑްކާސްޓު ކުރަމުން ގެންދާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހަމައެއާއެކު މޯލްޑިވިއަނުން ބުނީ ފަސިންޖަރުންނަށް މުހިންމު އަދި ބޯޑިންއާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް، އެއާޕޯޓުގެ އެތެރެއާއި ބޭރުގައިވާ ޚާއްސަ ތަންތަނުގައި ބަހައްޓާފައިވާ ސްކްރީންތަކުގެ އެހީގައި ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފަސިންޖަރުންނަށް ބޭނުންވާ މުހިންމު އަދާހަމަތައް، ފަސިންޖަރުންގެ މޮބައިލް ފޯނުތަކަށް ފޮނުވާނެކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

ޓްރިވެންޑްރަމް އެއާޕޯޓަކީ ރާއްޖޭގެ ގިނަ ބަޔަކު ދަތުރުކުރާ އެއާޕޯޓެކެވެ.

އެއީ ބޭސް ފަރުވާއާއި އެފަދަ މުހިންމު ކަންކަމުގައި ރާއްޖޭގެ ގިނަ މީހުން އިންޑިއާއަށް އެންމެ އާއްމުކޮށް ދަތުރުކުރާ އަވަށެވެ.

comment ކޮމެންޓް