ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިއްޖެ

ހާދިސާ ހިނގި ގޭގައި އެމްއެނޑިއެފުން ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއެންޑީއެފް/އެކްސް

މާލެ ގެއެއްގައި ގޭސް ލީކުވެގެން ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މ. ބްލޫލައިޓް ހަވަނަ ފަންގިފިލާގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން ފިހިފައިވަނީ އެ ގޭގައި އުޅޭ ދިވެހި އަންހެނެއް ކަމަށެވެ.

އެގޮތުން އަންހެން މީހާގެ ހަށިގަނޑުން 10 ޕަސެންޓު ފިހިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ މީހާއަށް އަވަސް ފަރުވާ ދިނުމަށް މިހާރު އަޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު 14:20 ހާއިރުކަމަށެވެ.

އެ ހާދިސާ ހިނގައިފައިވަނީ ގޭސްފުޅި އުނދުނަށް ގުޅައިފައި އިންނަ ހޮޅީގައި ބާރުކުރަންޖެހޭ ނަޓު ދޫވެފައިވަނިކޮށް އުނދުން ރޯކުރުމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގޭސް ލީކުވެ، ބަދިގެ ތެރޭ މި ފަދަ ނުރައްކާތެރި ހާދިސާތައް މާލެއާއި، ރަށްރަށުގައި ވެސް ވަރަށް އާންމުކޮށް ހިނގައެެވެ. ގޭސް ލީކުވުމުގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިނގައި، އެތައް ބަޔަކަށް ނުރައްކާވެފައި ވެސް ވެއެވެ.

comment ކޮމެންޓް