އެކަކު އަނެކަކުގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭންޖެހޭ: ރައީސް

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދުގެ މުޖުތަމައުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫއަވާން ޖެހޭކަމަށެވެ.

އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި، އަބުރާއި އިއްޒަތް ރައްކާތެރިކޮށް އަދި ރަހުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެ ކަންކަމާއެކު، ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތަޢުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ގައުމީ ރޫހުގައި ހަރަކާތްތެރިވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު މި ފަހުން ސަރުކާރުން ވަނީ ސަރުކާރާ ދެކޮޅު ވާހަކަތައް ލިޔަމުން އައި، ރަޖިސްޓްރީނުކޮށް ހިންގާ ދެ ނޫސް ވެބްސައިޓެއް ކަމަށްވާ ކުރުސީ ޑޮޓް ކޮމާއި ދިޔަވަރު ޑޮޓް ކޮމް ބްލޮކުކޮށްފައެވެ.

https://sun.mv/186403

އޭރު ސަރުކާރުން އެ ދެ ވެބްސައިޓް ބްލޮކުކޮށްފައި ވަނީ، "ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން"ކަމަށް ބުނެއެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް، ނުވަތަ މަޖައްލާއެއް ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށް ބުނެފައިވެއެވެ.

ލަދުހުތުރު މަންޒަރުތައް ހުންނަ ވެބްސައިޓުތައް ބްލޮކްކުރުމުގެ މަސައްކަތް ސަރުކާރުން މިފަހުން ވަނީ ފަށައިފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ތައުރީފު ކުރި ނަމަވެސް ސަރުކާރާ ދެކޮޅު ވާހަކަތައް ލިޔަމުންދާ ދެ ވެބްސައިޓު ބްލޮކް ކުރުމުން ވަނީ ނުރުހުން އަމާޒުވެފައެވެ.

comment ކޮމެންޓް