ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ސިޔާސީ ބައިބައިވުންތަކާހެދި ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން، ގައުމީ އެއްބައިވަންތަކަަމަށް އެއްދުވަހުން އަނެއް ދުވަހަށް ކުރާ ނޭދެވޭ އަސަރު އިތުރުވަމުން އަންނަ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ.
އެގޮތުން އޭނާ ވިދާޅުވީ، ދިވެހިންނަކީ އަބަދުވެސް އިސްލާމީ އަގީދާގައި މިނިވަންކަމާއެކު ތިބެން ބޭނުންވާ ބަޔަކަށްވާނަމަ، އެއްބައިވަންތަކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ދިވެހިންނަކީ ތާއަބަދު އިސްލާމީ މުޖުތަމައުއެއް ތެރޭ މިނިވަންކަމާއެކު ތިބެން ބޭނުންވާ ބަޔަކުކަމުގައި ވާނަމަ، އެއްބައިވަންތަ އެއްބައެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް," މިނިސްޓަރު ވިދާޅުވިއެވެ.
ޚާއްސަކޮށް ދިވެހިންގެ މެދުގައި، ޚިޔާލު ތަފާތުވުންތައް އުފެއްދުމުގެ މަގުސަދުގައި ބޭރުގެ ގައުމުތަކުންނާއި އެކިއެކި ޖަމާއަތްތަކުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ކަމުން ދިފާއުވުމަށް ބޭނުންކުރެވެން އޮތް އެންމެ ބޮޑު ހަތިޔާރަކީ ދިވެހީންގެ އެއްބައިވަންތަކަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއަށް ނުކިއްސަރު ހިޔާލުތަކާއި ބައިބައިވުން އުފެއްދުމުގެ މަގުސަދުގައި ބޭރުގެ ގައުމުތަކުންނާއި އެކިއެކި ޖަމާއަތްތަކުން ތާއަބަދު ދާނީ މަސައްކަތްކުރަމުން. މި ކަންކަމަށް ދިފާއުގެ ގޮތުން އޮތް އެންމެ ބޮޑު ހަތިޔާރަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން،" އޭނާ ވިދާޅުވިއެވެ.
ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ 19 އަހަރު ކުރިން ދިވެހިން ދެއްކީ އާދަޔާ ޚިލާފު އެއްބައިވަންތަކަމެއް ކަމަށެވެ.
އެގޮތުން އެ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މުއާސަލާތީ ގުޅުންތައް ކެނޑުނު ވަގުތު، އެއް ރަށުން އަނެއް ރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކާއި ރައްޔިތުން ކުރި މަސައްކަތް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއާއެކު، އެ ދުވަހު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫހު އަބަދުވެސް ނެގެހެއްޓުމަށް މިނިސްޓަރުވަނީ އެދިވަޑައިގެންފައެވެ.