ކުރިއަށް އޮތްތަނުގައި ހައްޖާއި އުމްރާވުމަށް ދައްކާ އަގު ކުޑަކުރާނަން: ޑރ. ޝަހީމް

ހައްޖާއި އުމްރާއަށް ގެންދާ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ހަވާލުކުރުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ގަވީމް

ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ހުރިހާ ކޯޓާއެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ނިންމައި، އިސްލާމިކް މިނިސްޓްރީގައި މި ކަމާ ގުޅުންހުރި އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

ހައްޖާއި އުމްރާއަށް ގެންދާ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ހަވާލުކުރުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ގަވީމް

"އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މިކަމަށް އަމަލީ ސިފައެއް ގެނައުން. އިރާދަކުރެއްވިއްޔާ ހައްޖަށް ގެންދާ ފަރާތްތަކުގެ އަގު ކުޑަވެގެންދާނެ ދިވެހިރާއްޖޭގައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިއީ، އަމިއްލަ ގްރޫޕުތަކަށް ކުރިން ދިން ކޯޓާގައި ހައްޖަށް ދާ ފަރާތްތަކަށް ލާރި ދެއްކުމުން ހައްޖަށް ނުދެވުން ފަދަ ކަންކަމަށް ހައްލު ލިބޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ކުރިން އޮތްގޮތަށް ބިޑު އުސޫލުން ކޯޓާ ވިއްކުމަކީ ވެސް ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިސްކަން ދޭނީ ފަރުޟު ނުކޮށް ތިބި ފަރާތްތަކަށް ކަމަށެވެ.

ހައްޖާއި އުމްރާއަށް ގެންދާ ކޯޓާ ހައްޖު ކޯޕަރޭޝަނާއި ހަވާލުކުރުމަށް އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ގަވީމް

"އަލަށް ދާ ހައްޖަށް ދާ މީހުންނަށް އިސްކަން ދިނުމުގެ ސިޔާސަތެއްގެ ދަށުން ފަރުޟު ހައްޖަށް މީހުން ފޮނުވާނީ. އެއީ ފަރުޟު ހައްޖުވާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ލުޔެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު، މި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލު ވިދާޅުވީ، ކޯޓާގެ އަގު ކުޑަކުރުމަށް ބޮޑެތި މަސައްކަތް ކުރެވެމުން ދާ ކަމަށެވެ.

"ހައްޖަށް ދިޔުމަށް ދައްކަންޖެހޭ އަދަދު މިއަށްވުރެ ކުޑަކުރެވޭނެ ގޮތްތަކަކާއި ގުޅޭ ގޮތުން މިހާރު ވެސް މިދަނީ މަޝްވަރާކުރެވެމުން. އެކި ދާއިރާތަކުން އިންވެސްޓުކޮށްގެން ވިޔަސް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުޑަކުރުުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ޝަކީލް ވިދާޅުވިއެވެ

މި އެއްބަސްވުމުގައި އިސްލާމީ ކަންތަައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޝަހީމެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަކީލެވެ.

comment ކޮމެންޓް