އިސްރާއީލާއި ޣައްޒާއާއި ދެމެދު އޮތް ހަނގުރާމަ ހުއްޓައިލާނެ ގޮތެއް މިސްރުން ހުށަހަޅައިފި

މިޞްރުގެ ޚާރިޖީ ވަޒިރު ސަމީހް ޝުކުރީ. ފޮޓޯ/ޑެއިލީ ނިއުސް އިޖްޕްޓް

އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކާއި ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލާނެ ގޮތެއް މިޞްރުން ހުށަހަޅައިފިއެވެ.

އިސްރާއީލާއި ހަމާސް، އެމެރިކާ އަދި ވިލާތުގެ ގައުމުތަކަށް ހުށަހެޅި އެ ހުށަހެޅުމުގައިވާ ގޮތުން އިސްރާއީލުން ޣައްޒާ މުޅިން ދޫކޮށް، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކުރަން ވަނީ ހުށަހަޅައިފައެވެ.

އަދި އިސްރާއީލުގެ ޖަލުތަކުގައި ބަންދުގައި ތިބި ފަލަސްތީން ރައްޔިތުން މިނިވަން ކުރުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށެވެ. އަދި ޣައްޒާގެ ވެރިކަން ހަމާސްއިން ދޫކޮށްލުމަށް ވެސް އެ ހުށަހެޅުމުގައިވެއެވެ.

ޤަޠަރާއެކު އެކުލަވާލާފައިވާ އެ ހުށަހެޅުމުގައި އަސީރުންނާއި ގައިދީން ބަދަލުކުރުމުގެ އެތައް ބުރެއް ހިމެނެއެވެ.

ފުރަތަމަ މަރުހަލާގައި ހަތް ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑައިލައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރާނެއެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީން މިނިވަންކުރާނެއެވެ.

ދެވަނަ މަރުހަލާގައި ހަމާސްގެ ބެލުމުދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަންހެން ސިފައިން ދޫކޮށްލާނެއެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިތިބި އިތުރު ފަލަސްތީނުގެ ގައިދީން މިނިވަން ކުރާނެއެވެ.

މި މަރުހަލާ ވެސް ކުރިއަށް ގެންދާނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑައިލައިގެންނެވެ.

އެންމެ ފަހު މަރުހަލާގައި ހަމާސްގެ ބެލުމުގެ ދަށުގައިތިބި ހުރިހާ އަސްކަރީ މުވައްޒަފުން ދޫކޮށްލުމާބެހޭ ގޮތުން މަހެއްހާ ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

ސަލާމަތީ ކަންކަމާގުޅުންހުރި ކަމަށް ބުނެ ގާތްގަނޑަކަށް 8،000 އެއްހާ ފަލަސްތީނު މީހުން އިސްރާއީލުގެ އަސްކަރިއްޔާއިން ހިފަހައްޓައިފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓުން މިހާރު ދަނީ މިޞްރުގެ ހުށަހެޅުން ދިރާސާ ކުރަމުންނެވެ.

މިޞްރުގެ ހުށަހެޅުމާ އެއްގޮތަށް ޣައްޒާގެ ވެރިކަން ދޫކޮށްލަން ހަމާސް އާއި އިސްލާމިކް ޖިހާދުން ދެކޮޅު ހަދައެވެ.

comment ކޮމެންޓް