ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އަޅާ 1,700 ކުދިންގެ ޖާގައިގެ ސްކޫލްގެ ބިންގާ މިއަދު ހަވީރު އަޅައިފިއެވެ.
މި ސްކޫލްގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
މިއަދު އަލަށް ބިންގާ އެޅި ސްކޫލް މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެޑިއުކޭޝަން މިނިސްޓްރީއާއި ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ.
ދެވަނަ ފިޔަވަހީގެ 16ވަނަ ހިޔާ ޓަވަރު ކައިރީ އިމާރާތްކުރާ މި ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލްގައި 54 ކްލާސްރޫމް ހުންނާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްގީކުރާ ފުރަތަމަ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އުންމީދަކީ އަންނަ ޖެނުއަރީ މަސްތެރޭ އެ ސްކޫލްގެ ފައުންޑޭޝަންގެ މަސައްކަތްތައް ފަށައި، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއު ނިންމައިލުން ކަމަށެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އިތުރުން ފެންވަރު ރަނގަޅު ހުނަރުވެރި ދިވެހި ޓީޗަރުން ބިނާކުރުމަކީ ވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ.
"ރާއްޖޭގައި ތައުލީމީ ދާއިރާއިން އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ފަށައިފައި ނުނިމި ގިނަ މަޝްރޫއުތަކެއް އެބަހުރި. އަންނަ އަހަރާއެކު އެ މަޝްރޫއުތައް ބާރު ދުވެލީގައި ނިންމައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތައުލީމީ ނިޒާމު އިތުރަށް ވަރުގަދަކުރާނަން،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްގީކުރާ ފުރަތަމަ ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތައުލީމީ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވީ، މިއަދު ބިންގާ އެޅި ސްކޫލަކީ އެތައް ދުވަހެއް ވަންދެން ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ދަރިވަރުން ތަހައްމަލުކުރި ދައްޗަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.
އެ ސްކޫލާއެކު ދެވަނަ ފިޔަވަހިން ބަހުގައި މާލެއަށް ނުވަތަ ހުޅުމާލެ ފޭސް އެކަކަށް ދަތުރުކޮށްގެން ސްކޫލަށް ދާ ދަރިވަރުންގެ ތަކުލީފަށް ނިމުމެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ އެ މަނިކުފާނު [ރައީސް މުއިއްޒު]ގެ ހިތްޕުޅުގައި ކިޔަވާ ކުދިންނާމެދު އޮތް ލޯބި ހާމަވެގެންދާ ކަމެއް. މިއީ ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުގެ ބޮޑުކަން،" ވަޒީރު ވިދާޅުވިއެވެ.