ގައިދީންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭން ފެށުމާއެކު ހަޅުތާލު ހުއްޓައިލައިފި

މާފުށި ޖަލު -- ފޮޓޯ/ވީނިއުސް

މާފުށީ ޖަލުގައި ހަޅުތާލު ކުރަމުން އައި ޔުނިޓުތަކުގެ ގައިދީންގެ ފަރާތުން ހުށަހަޅައިފައިވާ ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ފެށި، މި ވަގުތަށް ކުރެވެންހުރި ކަންކަން ކުރުމާއެކު ގައިދީންގެ ހަޅުތާލު ހުއްޓައިލައިފައިވާ ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ބުނެފިއެވެ.

އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔުނިޓް 10އެއްގައި ހަޅުތާލުކުރި ފަސް ގައިދީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އަދި މާފުށީ ޖަލުގައި ގައިދީން ކުރަމުން ހައިހޫނުކަމުގެ ހަޅުތާލު ހުއްޓައިލައިފިވާ ކަމުގެ ޔަގީންކަން ކަރެކްޝަނުން ދީފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

"ގައިދީން މިހާރުވަނީ ހަޅުތާލު ނިންމައިލައިފައި ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވޭ އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ މި މައުލޫމާތު ކަށަވަރުކޮށްދެއްވައިފައި،" އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ ކުރިން މިކަމާގުޅިގެން ކަރެކްޝަންސްގެ މީޑީއާ އޮފިޝަލް އައިމިނަތު ޔުސްރީން "ސަން"އަށް ވިދާޅުވީ އެ ޔުނިޓުގައި ތިބޭ ގައިދީން ނުކައި ތިބެން ނުޖެހޭނެ ކަމަށެވެ. އަދި އެ ގައިދީންނަށް ވެސް ކެއުން ފޯރުކޮށްދެމުން އަންނަކަމަށެވެ.

ނަމަވެސް ޖަލުން ފޯރުކޮށްދޭ ކާއެއްޗިހި ކާން އިންކާރުކޮށް އެ ގައިދީން ނުކަނީކަމަށް ވެސް ވިދާޅުވިއެވެ. އެކަމަކު އެ ގައިދީން ތިބެނީ ބޭރުން ވިއްކާ ކާއެއްޗިހި ގަނެގެން ކައިގެން ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.

https://sun.mv/186416

ޑިޓެއިނީ ވޮޗް ޖަމިއްޔާއިން ވަނީ ތަފާތުކުރުމުގެ ސަގާފަތަކީ ނެތިދާން ޖެހޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލި އަނިޔާވެރިކަމަށް ހުށައެޅިގެންނުވާނެ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޖަލުގައި ގައިދީންގެ ފަރާތުން މީގެ ކުރިން ވެސް މިފަދަ ބައެއް ކަންބޮޑުވުންތައް ފާޅުކުރަމުން އާދެއެވެ. އަދި ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

comment ކޮމެންޓް