ޖެނުއަރީގައި ބަޔާނަށް އާ ކުޅުންތެރިން ގެންނާނަން: ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އާއި އިނގިރޭސި ފޯވަޑް ހެރީ ކޭން -- ފޮޓޯ/ ގެޓީ

ޖެނުއަރީ ޓްރާންސްފާގައި އާ ކުޅުންތެރިން ގެންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ދެކޭގޮތުގައި، ބަޔާނަށް ދެ ކުޅުންތެރިއެއް ނުވަތަ ދެ މަގާމަކަށް ކުޅުމުގެ ހުނަރު ހުރި ކުޅުންތެރިއެއް ބޭނުންވެއެވެ. އެ ކަމަށް ޓަކައި ޖެނުއަރީ ޓްރާންސްފާގައި މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން މި ދަނީ އާ ކުޅުންތެރިން ހޯދުމަށް މަސައްކަތްކުރަމުން. އަހަރެމެންނަށް ސްކޮޑު ވަރުގަދަ ކުރެވޭނެ ކަމަށް އުންމީދުކުރަން. ނަމަވެސް ޖެނުއަރީ ޓްރާންސްފާއަކީ ކުޅުންތެރިން ހޯދަން އެންމެ އުނދަގޫ ދުވަސްތައް. ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުންދާ އިރު، މިހާރު ޓީމުގައި ތިބި ކުޅުންތެރިންނަށް ވެސް އިތުބާރު އޮންނާނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ޓުޗެލް ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފުލަމްގެ ޕޯޗުގަލް މިޑްފީލްޑަރު ޖޮއާއޯ ޕަލްހީނިއާގެ ސޮއި ހޯދުމާ ގާތަށް ބަޔާނުން ވަނީ ޖެހިލައިފައެވެ.

މި ސީޒަން ފެށުމުގެ ކުރިން ވެސް ޕަލްހީނިއާ ގެންދިއުމަށް ބަޔާނުން މަސައްކަތްކުރި ނަމަވެސް، ފުލަމުން ވަނީ ފަހު ވަގުތު އެ ހުށަހެޅުން ދޫކޮށްލައިފައެވެ.

ބަޔާން މި ވަގުތު އޮތީ ޖަރުމަން ބުންޑަސްލީގާގެ ދެވަނައިގައެވެ.

އެއްވަނައިގައި އޮތް ލެވަކޫސަން އާއި ބަޔާންއާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް ލެވަކޫސަނުން ވަނީ ބަޔާނަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

comment ކޮމެންޓް