ބޮލީވުޑްގެ ނުވަދިހައިގެ އަހަރު ތަކުން ފެށިގެން އާއްމުންގެ ހިތުން ހާއްސަ ލޯތްބެއް ހޯދި ބަތަލާ ރާނީ މުކަރުޖީ ފިލްމީ ދާއިރާއާ ދުރަށް ޖެހިލީ ފުރަތަމަ ދަރިފުޅަށް ބަލިވެއިން ހިސާބުންނެވެ. ހިންދީ ސިނަމާގެ އެންމެ ވަރުގަދަ ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސް ހިންގުމުގެ ޒިންމާއާ ޙަވާލުވެ ހުރި އަދިތްޔާ ޗޯޕްރާގެ އަތްބަކަށް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ކައިވެންޏަށް ފަހު ވަރަށް ގިނަ ޒިންމާތަކެއް ޙަޔާތަށް އިތުރުވި ކަމަށް ރާނީ ވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު 2015 ވަނަ އަހަރު ރާނީގެ ދެމަފިރިންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުމުން ރާނީ ބޭނުންވީ ބަތަލާގެ ހުރިހާ ވަގުތެއް ވެސް ދަރިފުޅަށް ހުސްކޮށްލުމަށެވެ. ދަރިފުޅު އަދީރާއަށް ބަލިވެ އިނީ ޢުމުރުން 40 އަހަރުވާން ކައިރިވެފައި ވަނިކޮށް ކަމަށާއި ރާނީގެ ހުރިހާ ސަމާލުކަމެއް ވެސް ދަރިފުޅަށް ދޭން ބޭނުންވިކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެގޮތުން ދަރިފުޅުގެ ކެއިން ބުއިމުން ފެށިގެން ގޮސް ނިދާ ވަގުތާ ހަމައަށް ދަރިފުޅަށް ޚިދުމަތް ކުރުމުގައި ރާނީ ދުވަސްތައް ހޭދަކުރަން ފެށިކަމަށް ޕިންކްވިލާއަށް ދިން އިންޓަވިއުގައި ބަތަލާ ވަނީ ބުނެފައެވެ. އެ ހުރިހާ ދުވަހަކު ވެސް އުޅެވުނީ ހުވަފެނީ ދުނިޔެއެއްގައި ކަމަށާއި ކުރިން ޝޯބިޒް ދުނިޔޭގައި ލިބުނު މަޝްހޫރުކަން ރާނީއަށް އެހާ މުހިއްމެއް ނުވިކަމަށް މި އިންޓަވިއުގައި ބުނެފައިވެއެވެ.
ނަމަވެސް އެ ހުވަފެނުން ހޭލައްވާ ރާނީގެ އިންތިޒާރުގައި ލޯބިވާ ސަޕޯޓަރުން ތިބިކަމުގެ އިހުސާސްކޮށް ދިނީ އަދިތްޔާ ޗޯޕްރާއެވެ. މަޔަކަށް ވުމުގެ ކުރިން ރާނީގެ އަމިއްލަ ދުނިޔެއެއް އޮތް ކަމަށާއި ފިލްމު ސެޓުތައް ރާނީގެ އިންތިޒާރުގައި އެބަހުރިކަމަށް ބުނެ އަދިތްޔާ ހިތްވަރު ދިނީ އެނބުރި ފިލްމީ މަސައްކަތަށް ދިއުމަށް ކަމަށް ރާނީ ވަނީ ޕިންކްވިލާގައި ބުނެފައެވެ.
ދަރިފުޅު ވިހެއުމަށްފަހު ރާނީ އެނބުރި ފިލްމީ ދާއިރާއަށް ނުކުތީ އަދީރާއަށް އެންމެ 14 މަހުގައި ފިލްމު "ހިޗްކީ" އިންނެވެ. މައިވަންތަކަމުގެ އިހުސާސް ހިތުތެރޭގައި އޮތް ނަމަވެސް ކޮންމެ އަންހެނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ނަމެއް މުޖްތަމަޢުގައި ޤާއިމު ކުރެވޭނެ މީހެއް ކަމަށާއި މިހާރުގެ ޒުވާން ޖީލު އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދިނުމަށް ރާނީ ވަނީ މި އިންޓަވިއުގައި އެދިފައެވެ.
ދާދި ފަހުން ޑިޒްނީ ހޮޓްސްޓާއިން ސްޓްރީމް ކުރި "ކޮފީ ވިތު ކަރަން"ގެ ހަތަރު ވަނަ އެޕިސޯޑުގައި ބައިވެރިވި ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ. މައިވަންތަކަމުގެ ލޯބި ވަރަށް ފުރިހަމައަށް ދައްކުވައިދިން މި ފިލްމަކީ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.