އެމްބާޕޭގެ ކޮއްކޮ، އީތަން ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް މެޗެއް ކުޅެފި

ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ކޮއްކޮ، އީތަން އެމްބާޕޭ(މ) -- ފޮޓޯ/ ގެޓީ

ފްރާންސް ތަރި ކިލިއަން އެމްބާޕޭގެ ކޮއްކޮ، އީތަން އެމްބާޕޭ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެފިއެވެ.

އުމުރުން 16 އަހަރުގެ އީތަން، ޕީއެސްޖީގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗަކީ ފްރާންސް ލީގުގައި މެޓްޒް އަތުން 3-1ގެ ނަތީޖާއަކުން މޮޅުވި މެޗެވެ. އެ މެޗުގައި އީތަން ފެނުނީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އިއްްޔެ ކުޅުނު މެޗުގައި ޕީއެސްޖީން ޖެހި ތިން ގޯލުގެ ތެރެއިން ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އީތަންގެ ބޭބެ، ކިލިއަން އެމްބާޕޭއެވެ. އެ މޮޅާއެކު ފްރާންސް ލީގުގެ އެއްވަނައިގައި ޕީއެސްޖީން ވަނީ ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިފައެވެ.

އީތަން އެމްބާޕޭއަކީ އޭއެއެސް ބޮންޑީގެ ޔޫތު އެކަޑަމީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، ޕީއެސްޖީގެ އެކަޑަމީއާ 2017 ވަނަ އަހަރުގެ ތެރޭގައި ގުޅުނު ކުޅުންތެރިއެކެވެ. އޭރު ކިލިއަން އެމްބާޕޭ ވެސް ދިޔައީ ލޯނުގެ ދަށުން ޕީއެސްޖީއަށް ކުޅެމުންނެވެ.

އީތަންގެ ފެނިލުމާއެކު ކުރިއަށްއޮތް މެޗުތަކުގައި ބޭބެއާއެކު ސީނިއާ ޓީމުން ގިނަ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.

comment ކޮމެންޓް