ގަވީގެ ބަދަލުގައި ޖެނުއަރީ ޓްރާންސްފާގައި މިޑްފީލްޑަރެއް ގެންނާނަން: ބާސާގެ ރައީސް

ސްޕެއިން މިޑްފީލްޑަރު ގަވީއަށް އަނިޔާވުން -- ފޮޓޯ/ ގެޓީ

އަނިޔާގައި ހުރި ސްޕެއިން މިޑްފީލްޑަރު ގަވީގެ ބަދަލުގައި ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިއެއް ހޯދާނެ ކަމަށް ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

ސްޕެއިން ގައުމީ ޓީމަށް ކުޅެނިކޮށް ގަވީގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވަނީ ސީޒަންގެ ބާކީބައި ގެއްލިފައެވެ. ބާސާގެ މާލީ ހާލަތާ ގުޅިގެން ގަވީގެ ބަދަލުގައި ކުޅުންތެރިއެއް ގެނައުމަށް އެ ކްލަބަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ރިޕޯޓުކޮށްފައިވީ ނަމަވެސް، ވިސްނުމަކީ ލޯނުގެ ދަށުން ކުޅުންތެރިއެއް ހޯދުން ކަމަށް ބާސާގެ ރައީސް ލަޕޯޓާ ވަނީ ވިދާޅުވެފައެވެ.

"އަހަރެމެންގެ ވިސްނުމަކީ ލަލީގާއާއެކު މަސައްކަތްކޮށް، ގަވާއިދުގެ ދަށުން ގަވީގެ ބަދަލުގައި އެހެން މިޑްފީލްޑަރެއް ހޯދުން. އެއީ ލޯނުގެ ދަށުން ސީޒަން ނިމެންދެން މިޑްފީލްޑަރެއް ގެނައުން. މީގެ އަހަރުތަކެއް ކުރިން ޔުވެންޓަސް އިން ލޯނުގެ ދަށުން އެޑްގާ ޑާވިޑްސް ވެސް ގެނައީ އެގޮތަށް،" 'އީއެފްއީ' ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ލަޕޯޓާ ބުންޏެވެ.

ގަވީއަށް އަނިޔާވީ ޔޫރޯ ކޮލިފައިންގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ޖޯޖިއާއާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުގައެވެ. އެ މެޗުގައި ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ހެދި ސާޖަރީއަށްފަހު، ގަވީއަށް ނުވަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 19 އަހަރުގެ ގަވީއަށް އަނިޔާވުމުން އޭގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ބާސާއަށެވެ. ގަވީއަކީ ބާސާގެ ފުރަތަމަ 11ގައި އެ ކްލަބުގެ ކޯޗު ޒަވީ އާންމުކޮށް ބޭނުންކުރާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް