ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް

ކުޅުދުއްފުށީ ހޮސްޕިޓަލް ---

ކުޅުދުއްފުށީ ސިޓީއިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް އަރާފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެ ރަށުން އެންމެ ފުރަތަމަ މި ބަލީގެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ.

އެ ކޭމްޕުގެ ތެރެއިން 16 ކޭސްއެއް ވަނީ ވަނީ ފާހަގަވެފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ޕޮޒިޓިވް ވުމާގުޅިގެން މި މަހުގެ އެކަކުން އަންގާރަ ދުވަހަށް ކުރެވުނު ސްކްރީނިންގްއިން ޖުމްލަ 25 ބިދޭސީން ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.

އަދި ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ އެ ބައްޔަށް ނެގަޓިވް ވެފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

އެގޮތުން މަދިރި އާލާވާނެ އެންމެހާ ތަންތަން ނައްތައިލުން ހިމެނެއެވެ.

comment ކޮމެންޓް