ޢިސްރާއީލަށް ނިސްބަތްވާ، އެ ޤައުމުގެ ދިދަ ޖެހި މުދާ އުފުލާ އެއްވެސް އުޅަނދެއް މެލޭޝިއާއަށް ވަނުމަކީ މަނާ ކަމެއް ކަމުގައި މެލޭޝިޔާއިން އިޢުލާނުކޮށްފިއެވެ.
މެލޭޝިޔާއިން އެގޮތަށް ޢިއުލާނުކުރީ ޢިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގެ އާންމުންނަށް ދެމުންގެންދާ ޢުދުވާނީ ހަމަލާތަކާ ގުޅިގެނެވެ.
މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ޤައުމުގެ އެ ނިންމުން މިހާރުން މިހާރަށް ތަންފީޒުވާނެއެވެ.
ޢިސްރާއީލުގެ ބޯޓުތަކަށް މެލޭޝިޔާއަށް ވަނުމުގެ އިތުރުން އިސްރާއީލަށް ދަތުރުކުރާ އެއްވެސް ބޯޓަކަށް މެލޭޝިޔާގެ އެއްވެސް ބަނދަރަކުން މުދާ ބަރުކުރުމަކީވެސް މަނާ ކަމެކެވެ. މެލޭޝިޔާއިން ވަނީ ޢިސްރާއީލުގެ ބައިނަލްއަޤުވާމީ ޝިޕިން ކުންފުނި، ޒިމް އަށްވެސް ފިޔަވަޅު އަޅައިފައެވެ.
"މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޢިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމާއި އަނިޔާވެރިކަމުގެ ތެރެއިން އިންސާނީ އަސާސީ އުޞޫލުތަކަށް ނުބަލައި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޢިސްރާއީލުން ކުރާ ޢަމަލުތަކާ ދެކޮޅަށް ދޭ ރައްދެއް." އަންވަރުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
އަދި މި ފިވަޔަޅުގެ ސަބަބުން މެލޭޝިޔާގެ ވިޔަފާރިއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ކަށަވަރުވާ ކަމަށް އަންވަރު ވިދާޅުވިއެވެ.
މެލޭޝިޔާ އަކީ ޢިސްރާއީލާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމެއް ނޫނެވެ.
އަންވަރަކީ ޢިސްރާއީލާ ދެކޮޅަށް އަދި ޢިސްރާއީލަށް ވާގިވެރިވާ އެމެރިކާއާ ދެކޮޅު ހައްދަވާ ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެންމެ ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކަވާ އެއް ލީޑަރެވެ. ނަމަވެސް، އެ ދެ ޤައުމަކީ މެލޭޝިޔާއާ އެކު ވިޔަފާރި ފުޅާކޮށް ވިޔަފާރި ކުރާ ދެ ޤައުމެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ޢިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 20،000 ހާ ކައިރިކުރާ ޢަދަދަކަށް ވަނީ މީހުން ޝަހީދުކޮށްލައިފައެވެ.