ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދޭތީ، ޚާއްޞާ ޖާގައަށް އެދުމަށް އިތުރު ފުރުސަތެއް

ދިވެހި ޙައްޖު ވެރިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ޚާއްޞަކޮށްފައިވާ ހައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު އަލުން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މި ފުރުސަތަށް އެދުމަށް މި ދިޔަ މަހުގެ 12 ވަނަ ދުވަހު ވެސް ހުޅުވާލިއެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ފުރުސަތު އަލުން ހުޅުވާލީ، ރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖު ކޯޓާއަށް، މީހުން ޙައްޖަށް ގެންދިއުމަށް އެ ކުންފުންޏާ ހަވާލުކުރާ ގޮތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއްޔެ ހަމަޖެއްސެވުމާ ގުޅިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ، މިއަހަރު ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖަށް ދާ މީހުންގެ ލިސްޓަށް ނަން އަރައިފައިވާ މީހުންގެ ތެރެއިން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ އަދި ހައްޖުގެ ފަރުޟު މިހާތަނަށް އަދާ ކޮށްފައިނުވާ މީހުންނަށް ޖުމްލާ ކޯޓާގެ ފަސް ޕަސެންޓް ޚާއްޞަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ފަރާތްތަކަށް ޚާއްޞަ ކުރެވޭ މި ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ ފުރުސަތަށް އެދި ނޮވެމްބަރު މަހު ކުރި އިއުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ޖާގައަށް އެދި ހުށަހަޅާ ފަރާތްތަކުން، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްޞަ ޖާގައަށް އެދޭ ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީގެ އިތުރުން އެ ކުންފުނިން ކޮށްފައިވާ އިއުލާނާއެކު ޝާއިއު ކޮށްފައިވާ ހެލްތު ސެޓިފިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ޚާއްޞަ ހައްޖުގެ ޖާގައަށް ހުށަހަޅާ ހުށަހެޅުންތައް މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޙައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ، ހައްޖު ކޯޕަރޭޝަން ދޭން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވައިފައިވާ ވަނީ އިއްޔެއެވެ.

ހައްޖުގެ އަޅުކަން ދެން އޮންނާނީ އަންނަ އަހަރުގެ ޖޫން މަހުގަދުވަހުއެވެ.

https://sun.mv/186195

އާއްމުކޮށް މިހާރު ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބެނީ އަހަރަކު 1،000 މީހުން ހައްޖަށް ގެންދިއުމަށެވެ. މިހާތަނަށް އަމަލު ކުރަމުން އައި އުސޫލަކީ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ގެންދިއުމެވެ. ކޯޓާގެ އަނެއްބައި ދެނީ އަމިއްލަ ޖަމާއަތްތަކަށެވެ.

comment ކޮމެންޓް