މުޅި ދުނިޔޭގައި ވަރަށް ފުޅާކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އިއްތިހާދު އެއާވޭސްއާއެކު ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެއްބަސްވުމެއް ހަދައިފިއެވެ.
މޯލްޑިވިއަންއިން ބުނިގޮތުގައި މިއަދު ހެދި މި އެއްބަސްވުމުގެ ސަބަބުން ޔުނިފައިޑް ޓިކެޓިން ސިސްޓަމެއް ޤާއިމްކުރެވޭނެއެވެ. އޭގެ ސަބަބުން އިއްތިހާދު އެއާލައިންއިން ރާއްޖެ އައުމަށް ޓިކެޓް ނަގާއިރު ރާއްޖޭން ދާން ބޭނުންވާ މަންޒިލަށް ބޭނުންވާ ޑޮމެސްޓިކް ޓިކެޓް ވެސް ނެގޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މޯލްޑިވިއަން މެދުވެރިކޮށް އިއްތިހާދުގެ ޓިކެޓްތައް ވެސް ނެގޭނެއެވެ.
މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު ކޮމާޝަލް އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށެވެ.
އިއްތިހާދުގެ ޗީފް ރެވެނިއު އޮފިސަރު އާރިކް ޑޭ ވިދާޅުވީ މި އިންޓަލައިންގެ ސަބަބުން ކަސްޓަމަރުންގެ ދަތުރުގެ ތަޖުރިބާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެ އައިސް ދަތުރުފަތުރު ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން މޯލްޑިވިއަންއިން ވަނީ މިފަދަ އެއްބަސްވުމެއް އެމިރޭޓްސް އެއާލައިންސްއާއެކު ވެސް ހަދައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އެއާލައިންތަކާއެކު މިފަދަ އެއްބަސްވުންތައް ހަދަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އިއްތިހާދު އެއާވޭސްއަކީ ޔޫއޭއީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިންއެވެ. އެ އެއާލައިންއިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ ގެނެއެވެ.