ހަނގުރާމައިގައި މިހާތަނަށް 92 ނޫސްވެރިއަކު ޝަހީދުކޮށްލައިފި

ހަނގުރާމައިގައި މީގެކުރިން ޝަހީދުކޮށްލައިފައިވާ ނޫސްވެރިންގެ ހަށިގަނޑު ކައިރީ އާއިލާ މަޑުކޮށްގެން. ފޮޓޯ/އަލް އަހްރަމް އޮންލައިން

ޔަހޫދީ ޢިސްރާއީލުގެ އަސްކަރިއްޔާއާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާ ހަނގުރާމައިގައި މިހާތަނަށް 92 ނޫސްވެރިން ޝަހީދުކޮށްލައިފިއެވެ.

ޕަލަސްޠީނުގެ ދަޢުލަތުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ހަނގުރާމައިގައި އެންމެ ފަހުން ޝަހީދުކޮށްލައިފައި ވަނީ ރަމީ ބަދީރާއި އައްސާމް ކަމަލް މޫސާ ކިޔާ ދެ ނޫސްވެރިންނެވެ. އެއީ ވޭތުވެދިޔަ ތިން ދުވަސް ތެރޭގައި ޝަހީދުކޮށްލި ދެ ނޫސްވެރިންނެވެ. ނަމަވެސް އެ ނޫސްވެރިންނާއި ބެހޭ އިތުރު ތަފްސީލެއް އެ އޮފީހުން ހާމަކޮށްފައެއްނުވެއެވެ.

ނޫސްވެރިން ޝަހީދުކޮށްގެން ޢިސްރާއީލުން ބޭނުން ވަނީ ހަޤީޤަތް ފޮރުވަން ކަމަށާއި، ނަމަވެސް އެކަން އެމީހުންނަށް ވަނީ ވަރަށް ނާކާމިޔާބުވެފައި ކަމަށްވެސް އެ އޮފީހުން އިތުރަށް ބުންޏެވެ.

ޢިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ޙަމަލާއެއްގައި އަލްޖަޒީރާގެ ކެމެރާމަން ސަމީރު އަބޫދާކާވެސް މިދިޔަ ހުކުރު ދުވަހު ވަނީ ޝަހީދުކޮށްލައިފައެވެ.

އެ މައްސަލަ އަލްޖަޒީރާއިން މިހާރު ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ފޮނުވައިފައެވެ.

އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ޙަމާސުން ދިން ޙަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ ޢިސްރާއީލުގެ އަސްކަރިއްޔާގެ ޙަމަލާތައް ޣައްޒާގެ އާންމުންނަށް މެދުކެނޑުމެއްނެތި ދެމުންދާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ މުއްދަތުގައި ޢިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގާތްގަޑަކަށް 18،800 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. ޙަމަލާތަކުގައި ޒަޙަމްވި މީހުންގެ ޢަދަދު 50،000 ން މަތިވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް ވަނީ އެމީހުން އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.

comment ކޮމެންޓް