'ދި އާޗީސް'އިން ވިދާލި އަގަސްތިއާއަށް އިތުރު ފިލުމެއް

އަގްސްތިއަ ނަންދާ --

މި މަހުގެ ހަތްވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކުރި "ދި އާޗީސް"ގައި ދެއްކި ހުށަހެޅުމެއް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ޒުވާނާ އަގަސްތިއާއަށް އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

މަޝްހޫރު ބައްޗަން އާއިލާގެ އަގަސްތިއާ ނަންދާއަށް އިތުރު ފިލްމަކުން ފުރުސަތު ލިބިފައިވަނީ ފިލްމު "ދި އާޗީސް" ރިލީޒްކުރިތާ މާ ގިނަ ދުވަހެއް ނުވަނީސްއެވެ.

އަގަސްތިއާ ސޮއިކޮށްފައިވާ ފިލްމަކީ، އިންޑިއާއާއި ޕާކިސްތާނާ ދެމެދު 1971ވަނަ އަހަރު ހިނގި ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ވަރަށް ތާރީޚީ ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމުގައި އަގަސްތިއާ ކުޅެން ހަމަޖެހިފައި ވަނީ އެ ހަނގުރާމައިގެ ތެރޭ ޝަހީދުވި ޢުމުރުން 21 އަހަރުގެ އަސްކަރީ އޮފިސަރު އަރޫން ކެތަރްޕްލާގެ ރޯލެވެ. ބޮލީވުޑްގެ ތަޖުރިބާ ހުރި ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ މި ފިލްމުގެ ނަމަކީ "އެއްކީސް"އެވެ.

ފެށޭ ޖެނުއަރީ މަހު މަސައްކަތް ފަށާނެ ކަމަށް ލަފާކުރެވޭ މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އަގަސްތިއާއާ އެކު ކުރީގެ އެކްޓަރު ދަރުމެންދްރަ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ޑައިރެކްޓަރު ސްރީރާމްގެ ކުރިއަށް އޮތް ފިލްމު "މެރީ ކްރިސްމަސް" ރިލީޒްކުރުމަށް ފަހު ޑައިރެކްޓަރުގެ ހުރިހާ ސަމާލުކަމެއް ވެސް ދޭން ބޭނުން ވަނީ ފިލްމު "އެއްކީސް"އަށް ކަމަށް ވަނީ ބުނެފައެވެ.

އަގަސްތިއާ ކާފަ އަމީތާބް ބައްޗަން އަދި ބޮޑު ބޭބެ އަބީޝެކް ބައްޗަންއާ އެކު --

މި ފިލްމުގައި އަގަސްތިއާ ކުޅެން ހަމަޖެހިފައިވާ ރޯލަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ތަމްރީނުތަކެއް މިހާރު ފަށާފައިވާ ކަމަށާއި ވަރަށް ހާއްސަ އެކްޓިންގް ކޯޗިންގް ކްލާސްތަކެއް ވެސް އަގަސްތިއާ ވަނީ ފުރިހަމަކޮށްފައެވެ.

ފިލްމު "ދި އާޗީސް"އިން ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާ އަގަސްތިއާ އަކީ ބޮޑު ބޭބެ އެކްޓަރު އަބީޝެކް ބައްޗަން ފިލްމީ ކެރިއަރު ފެށި ދުވަސްވަރުގެ ހަނދާން އާކޮށްދޭ ޒުވާނެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަގަސްތިއާގެ ބައްޕައަކީ އިންޑިއާގެ މަޝްހޫރު ކަޕޫރު ޚާންދާނަށް ނިސްބަތްވާ އެކްޓަރެކެވެ.

comment ކޮމެންޓް